ޚަބަރު

ފެނަކައިގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ


ފެނަކަ ކޯރޕަރޭޝަންގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ފާއިތުވި 4 އަހަރުގެ ތެރޭގައި 2 ބިލިއަނަށްވުރެ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފެނަކަ ކޯރޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައިން އަތޮޅުތެރޭގައި ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން، ފާއިތުވި 4 އަހަރުގެ ތެރޭގައި ޙާލަތު ދަށް 66 އިންޖީނުގެއެއް، ޒަމާނީ ފެންވަރަށް ވަނީ ތަރައްޤީކޮށްފައެވެ.

ފެނަކައިން މިވަގުތުވެސް އަންނަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 150 އަށްވުރެ ގިނަ ރަށުގައި ޚިދުމަތް ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްދޭ ރަށްތައް ހިމެނެއެވެ.

ފާއިތުވި 4 އަހަރުގެ ތެރޭގައި ސަރުކާރުން ކޮށްފައިވާ މުހިއްމު މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ޕީ.އެސް.އެމް ނިއުސްއިން ގެނެސްދިން ޕްރޮގްރާމުގައި ވާހަދައްކަވަމުން ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަަޢީދު މުޙައްމަދު ވިދާޅުވީ، މި ސަރުކާރު ޙަވާލުވިއިރު ފެނަކައިން ދެމުންދިޔަ ޚިދުމަތްތަކަކީ ރައްޔިތުން މާބޮޑު އިތުބާރެއް އޮތް ޚިދުމަތްތަކެއް ނޫންކަމަށެވެ.

އެހެންނަމަވެސް ފާއިތުވި 4 އަހަރުގެ ތެރޭގައި ކުންފުންޏަށް ހޯދުނު އެންމެ ބޮޑު ކާމިޔާބަކީ ރައްޔިތުންގެ އިތުބާރު ހޯދާ، ރައްޔިތުން އެތައް ޒަމާނެއްވަންދެން އުފުލަމުންދިޔަ ތަކުލީފަށް ލުއިތަކެއް ގެނެވުންކަން ސަޢީދު ފާހަގަކުރެއްވިއެވެ. އަދި މިއީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ހޯދުނު ކުރިއެރުމެއްކަމަށްވެސް ސަަޢީދު ވިދާޅުވިއެވެ.

"ފެނަކައަކީ އަޅުގަނޑުމެން މި ސަރުކާރާ ޙަވާލުވިއިރު ހިސާބު ކަށަވަރު ނުވާ ރައްޔިތުންނަށް ބައެއް ޙާލަތްތަކުގައި ތަކުލީފަކަށް އެ ޙިދުމަތްތަކާގުޅިގެން ވެފައި އޮތް ކުންފުންޏެއް. އެހެންނަމަވެސް މިއަދުގެ ހަޤީޤަތަކީ ބައިނަލްއަޤްވާމީ އިދާރާތަކުން އަދި ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ޤަބޫލުކުރާ މިންގަނޑަށް ހިސާބުކިތާބު ބެލި، އަޅުގަނޑުމެން މިކުރަނީ ކޮންކަމެއްކަން، ވަނީ ކީއްކަން އެނގި ފެނި، ވަރަށް ހާމަކަން ބޮޑުކޮށް ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން އަޅުގަޑުމެންނަށް ކުންފުނި ހިންގުން" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، ފާއިތުވި 4 އަހަރުގެ ތެރޭގައި ފެނަކައިގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް 2 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މީގެ ތެރޭގައި، ބައު އިންޖީނުގެތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމާއި، އައު އޮފީސް އިމާރާތްތައް އެޅުމާއި، ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ހިންގުނު ތަފާތު ޕްރޮޖެކްޓުތައް ހިމެނެއެވެ.

ސަޢީދު ވިދާޅުވީ، ފާއިތުވި 4 އަހަރުގެ ތެރޭގައި ފެނަކައިން ކުރި އެންމެ މުހިއްމު މަސައްކަތަކީ ރާއްޖޭގެ ރަށްރަށުގައި ހުރި އެންމެ ޙާލަތު ދަށް 66 އިންޖީނުގެއެއް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްކަމަށެވެ.

މީގެ ތެރޭގައި އާއްމުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އެތައް އިންޖީނުގެއެއް ދުރު ސަރަހައްދުތަކަށް ބަދަލުކުރުންވެސް ހިމެނެއެވެ. މި ހުރިހާ އިންޖީނުގެއެއްގެ މަސައްކަތް މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ނިމިފައިވާކަމަށް ސަޢީދު ވިދާޅުވިއެވެ. އަދި މީގެ ތެރެއިން ބައެއް އިންޖީނުގެތަކުން މިހާރުވެސް ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާކަންވެސް ސަޢީދު ފާހަގަކުރެއްވިއެވެ.

"ފާއިތުވެދިޔަ 40 އަކަށް އަހަރުގެ ތެރޭގައި އެރަށްރަށުގެ ރައްޔިތުން ހަމަ އެ އިންޖީނުގެތަކާއެކު ދިރިއުޅެމުންދިޔައީ. އެހެންނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން، ރައީސްގެ ސީދާ ބެއްލެވުމުގެ ދަށުން މިއަދު އެ އިންޖީނުގެތައް އެވަނީ އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރެވިފައި. ގިނަ އިންޖީނުގެތަކަކީ މިއަދު އެ އިންޖީނުގެ ހުންނަކަންވެސް އިޙްސާސްނުކުރެވޭ، މިޒަމާނުގެ ލެވެލަށް ފަރުމާކުރެވި، ހިންގަމުންދާ އިންޖީނުގެތައް" ސަޢީދު ވިދާޅުވިއެވެ.

ދުވަސްވުމުގެ ސަބަބުން ބާވެ ޙަލާކުވެފައިވާ އިންޖީނުގެތައް އެންމެފަހުގެ ޒަމާނީ އިންޖީނުގެތަކަށް ބަދަލުކުރުމުގެ އިތުރުން، އިންޖީނުގެތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ރައްކާތެރި މަަސައްކަތު މާޙައުލެއް ކަށަވަރުކޮށްދީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކާއި އައު އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތްވެސް ފެނަކައިން ދަނީ ކުރަމުންނެވެ. އެގޮތުން 42 އޮފީސް އިމާރާތެއްގެ މަސައްކަތް ނިމިފައިވާއިރު، 70 އޮފީސް އިމާރާތެއްގެ މަސައްކަތް މިވަގުތުވެސް ހިނގަމުންދާކަމަށް އެކުންފުނިން ވިދާޅުވެއެވެ.