ޚަބަރު

ބޮމެއް އޮތް ކަމަށް ބުނި މީހާގެ ބަންދަށް 7 ދުވަސް


ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ދިނުމުން ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ހައްޔަރުކުރީ މި މަހުގެ 25 ވަނަ ދުވަހުގެ ރޭއެވެ. ފުލުހުން ބުނިގޮތުގައި އޭނާގެ ބަންދަށް މިހާރު ވަނީ 7 ދުވަސް ޖާހާފައެވެ.

އެ މީހާ މި އިންޒާރު ދީފައި ވަނީ ހުޅުމާލޭގައި މޫދު ކުޅިވަރު ކުޅޭ ސާމާނު ކުއްޔަށް ދޫކުރާ "ހުޅުމާލެ ބީޗް ކްލަބް" އަށް ވަދެއެވެ. އޭނާ އިންޒާރު ދިނީ އޭނާ އަތުގައި އޮތް ދަބަދުހައި ބޮމެއް އޮތް ކަމަށް ބުނެއެވެ.

އެ މައްސަަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ފޮރެންސިކް ޓީމްވެސް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައެވެ. ފުލުހުން ވިދާޅުވީ، މި މައްސަލަ މިހާރު ތަޙުޤީޤުކުރަމުން އަންނަ ކަމަށެވެ.

ދަބަހުގައި ބޮމެއް އޮތްކަމަށް ބުނި މީހަކު ހައްޔަރުކޮށްފައި މިވަނީ، ޓެރަރިޒަމާއި ދެކޮޅަށް ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގައި 14 މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ. އެމީހުން އުޅުނީ ބާރުގަދަ ގޮއްވުމެއް ގޮއްވާލާށެވެ. އަދި އެމީހުން ރާވާފައިވާ ހަމަލާއަކީ އެތައް ބައެއްގެ ފުރާނަ ގެއްލިދާނެ ވަރުގެ ބޮޑު ހަމަލާއެއްކަމަށާއި، އޭގެތެރެއިން އެކެއްގެ ގެއިން ގޮވާޒާތުގެ ކެމިކަލްވެސް ފެނިފައިވާކަން ފުލުހުން ހާމަކޮށްފައިވެއެވެ.

މި އޮޕަރޭޝަން އަދިވެސް ހުއްޓާނުލައި އައްޑޫ ސީޓީގައި ފުލުހުން އަންނަނީ ހިންގަމުންނެވެ.