ދުނިޔޭގެ ވިޔަފާރި

އެމެރިކާގެ އިގްތިސާދީ ދުވެލި ހަލުއިވެއްޖެ


އެމެރިކާގެ އިގްތިސާދީ ދުވެލި ކުރިއަރާ މިންވަރު ތިން ވަނަ ކުއާޓަރުގައި އިތުރުވެފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ކުރިއަރާފައިވަނީ %2.9 އަށްކަމަށްވާއިރު މިއީ ކޮމާސް ޑިޕާޓްމަންޓުން އޮކްޓޫބަރުމަހު ރިޕޯޓުކޮށްފައިވާ %2.6 އަށްވުރެ އިތުރު އަދަދެކެވެ.

މިއީ ވިދިވިދިގެން ދެ ކުއާޓަރުގައި އިގްތިސާދި ދުވެލި ދަށްވެ ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު އޮންނަ އެމެރިކާގެ އިގްތިސާދު ރިސެޝަނަކަސް ހިނގައިދާނެ ކަމުގެ ބިރު ހީވެފައި އޮތްވައި އިގްތިސާދީ ދުވެލި މިއަހަރު ހަލުއިވި ފުރަތަމަ ފަހަރެވެ. ނަމަވެސް އެމެރިކާގެ އެކްސްޕޯޓު އަދިވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން ނުދާތީ، އިގްތިސާދީ ދުވެލި ތިން ވަނަ ކުއާޓަރުގައި ހަލުއިވެފައި އޮތް ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި އިގްތިސާދަށް ވާނެ ގޮތެއް ނޭގޭ ކަމަށް މާހިރުން އަންނަނީ ބުނަމުންނެވެ.

ކޮމާސް ޑިޕާޓްމަންޓުން ބުނިގޮތުގައި ތިން ވަނަ ކުއާޓަރުގައި އިގްތިސާދީ ދުވެލި ހަލުއިވީ އާންމުން ހަރަދު ކުރި މިންވަރު އިތުރުވެ، ނޮން ރެސިޑެންޝިއަލް ފިކްސްޑް އިންވެސްޓްމަންޓުގެ ސަބަބުންނެވެ. އަދި އިމްޕޯޓު ކުރި މިންވަރުވެސް ވަނީ ހީކުރި ވަރަށްވުރެ ދަށްވެފައިކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ.

މިއީ ކުރު މުސްތަގުބަލެއްގައި ރަނގަޅު ޓްރެންޑެއްކަމަށް ބެލެވުނު ނަމަވެސް، އިގްތިސާދު ހަމަޔަކަށް އަޅުވައި، އިންފްލޭޝަން ދަށްކުރުމަށް އަޅާ ފިޔަވަޅުތަކަށް އަމަލުކުރަން ފެށުމުން އިގްތިސާދީ ދުވެލި މަޑުޖެހޭނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.