ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ދިރިއުޅުމުގެ ހަރަދުތައް އިތުރުވެ، މަސައްކަތްތެރިންގެ މުސާރަތައް ދަށްވެފައިވާ ކަމަށް އދ އިން ބުނެފިއެވެ. މިކަމުގެ ސަބަބުން އިޖުތިމާޢީ ހަމަނުޖެހުންތަކެއް ކުރިމަތިވާނެކަމުގެ ކަންބޮޑުވުން އުފެދިފައިވާ ކަމަށްވެސް އދ އިން ބުނެއެވެ.
އދ.ގެ މަސައްކަތްތެރިންނާއި ބެހޭ ޖަމްޢިއްޔާ، އައިއެލްއޯއިން ނެރުނު ވޭޖު ރިޕޯޓްގައި ބުނެފައިވަނީ، މަހުން މަހަށް ދޭ މުސާރަ މިއަހަރުގެ ފަހު ހަ މަސް ދުވަހު %0.9 އަށް ދަށްވެފައި ކަމަށާއި، މިއީ 2008 ވަނަ އަހަރަށްފަހު މުސާރަތައް ދަށްވި ފުރަތަމަ ފަހަރު ކަމަށެވެ.
އައިއެލްއޯ އިން ނެރުނު 2022 އިން 2023ގެ ވޭޖް ރިޕޯޓުގައި ވާގޮތުގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން މުސާރައިގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވީ މަދުން އާމްދަނީ ލިބޭ މީހުންނަށެވެ. އެގޮތުން ސްޕެއިން، ސްރީލަންކާ، ދެކުނު ކޮރެއާ، އިނގިރޭސިވިލާތް އަދި އެމެރިކާ ފަދަ ޤައުމުތަކުގައި 2020 އިން 2022 އަށް މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ދަށްކޮށްފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ. މީގެ އިތުރުން އިޓަލީވިލާތް، ޖަޕާން، މެކްސިކޯ އަދި އިނގިރޭސިވިލާތުގައި މަސައްކަތްތެރިންގެ ޖުމްލަ އުޖޫރަ 2008 ވަނަ އަހަރަށް ވުރެ 2022 ދަށްވެފައިވާ ކަމަށްވެސް އައިއެލްއޯ އިން ވަނީ ބުނެފައެވެ.
އެ ޖަމްޢިއްޔާގެ ރިޕޯޓުގައި ވަނީ ދުނިޔޭގެ އުފެއްދުންތެރިކަން ރަނގަޅުވި ނަމަވެސް އާމްދަނީ ބޮޑު ގައުމުތަކުގައި މުސާރަ އާއި އުފެއްދުންތެރިކަން ކުރިއަރާ މިންވަރާއި ދެމެދު އޮތް ފަރަގު 2022 ވަނަ އަހަރު ވަރަށް ބޮޑުވާނެކަމަށެވެ. މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައިއެލްއޯގެ ޑިރެކްޓަރު ޖެނެރަލް ގިލްބާޓް އެފް ހުންގްބޯ ވިދާޅުވީ ސަރުކާރުތަކުން މިކަމަށް އަމާޒުކޮށްގެން ސިޔާސަތުތައް ކަނޑަނާޅާނަމަ އުޖޫރަ ދަށްވުން ދެމިއޮތުން އެކަށީގެންވާކަމަށެވެ.
"މިއީ ދުނިޔޭގެ އިގްތިޞާދު ރިސެޝަނަކަށް ދިއުމަށް ލިބޭ އިތުރު ފުރުސަތެއް. އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މަރުކަޒީ ބޭންކުތަކުން ގެންގުޅޭ ހަރުކަށި މާލީ އުސޫލުތަކުގެ ސަބަބުން މިހާރުވެސް ގޯސްވަމުން އަންނަ ނުރައްކަލެއް،" ގިލްބާޓް ވިދާޅުވިއެވެ.
މީގެއިތުރުން މިކަމުގެ ސަބަބުން އިގްތިޞާދަށާއި، ވަޒީފާތަކަށް ހުރަސްއެޅި ނުތަނަވަސްކަން އިތުރުވެ، އިޖުތިމާޢީ ހަމަނުޖެހުންތަކަށް ފުރުސަތު ލިބޭނެ ކަމަށްވެސް ގިލްބާޓް ވިދާޅުވިއެވެ.
ދުނިޔޭގެ ބައެއް ސަރަހައްދުތަކަށް ބަލާއިރު އިރުމަތީ ޔޫރަޕް ސަރަހައްދުގައި މަސައްކަތްތެރިންގެ މުސާރަ ވަނީ %3.3 އަށް ދަށްވެފައެވެ. އަދި އުތުރު އެމެރިކާގައި މުސާރަ ވަނީ %3.2 އަށް ދަށްވެފައެވެ. ޔޫރަޕް އިއްތިހާދުގެ މުސާރަ %2.4 އަށް ދަށްވެފައިވާއިރު، ލެޓިން އެމެރިކާ އާއި ކެރިބިއަން ސަރަހައްދުގައި މުސާރަ ވަނީ %1.7 އަށް ދަށްވެފައެވެ. އެފްރިކާގައި މިއަދަދު ވަނީ %0.5 އަށް ދަށްވެފައެވެ. މީގެއިތުރުން އޭޝިއާ އާއި ޕެސިފިކް، މެދުތެރެއާއި ހުޅަނގު އޭޝިއާގެ އިތުރުން އަރަބި ގައުމުތަކުގެ އުޖޫރަ އިތުރުވެފައިވަނީ %1.2 އާއި %2.5 އާއި ދެމެދުގެ މިންވަރަކަށްކަމަށް އައިއެލްއޯގެ ރިޕޯޓްގައިވެއެވެ.
މުސާރަ ދަށްވުމުގެ މައްސަލައަށް ހައްލުކުރުމަށް އައިއެލްއޯއިން ވަނީ ގިނަ ސިޔާސަތުތަކެއް ހުށަހަޅާފައެވެ. އޭގެތެރޭގައި އުފެއްދުންތެރިކަން އިތުރުވުމާއި އެއްވަރަށް މުސާރަ އިތުރުކުރުމާއި، އެންމެ ކުޑަ އުޖޫރައަށް ރަނގަޅު ބަދަލެއް ގެނައުމާއި، ބައިނަލްއަގުވާމީ ގޮންޖެހުންތައް ކަމުގައިވާ މޫސުމަށް އަންނަ ބަދަލުތަކާއި، ޒަރޫރީ ސިއްހީ ފަރުވާއާއި، އަންހެނުންނާއި އަންހެން ކުދިންނާ މެދު ތަފާތުކުރުން ފަދަ ކަންކަމުގައި ބައިނަލްއަގުވާމީ ގޮތުން އެއްބާރުލުން އިތުރުކުރުމަށް އެ ޖަމްޢިއްޔާއިން ވަނީ ލަފާދީފައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމައާއި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ތަކެތި ލިބުން ދަތިވެ، ކާބޯތަކެއްޗާއި ހަކަތައަށް ކުރާ ޚަރަދުތައް އިތުރުވެ، ގިނަ ގައުމުތަކުގެ އިންފްލޭޝަން ވޭތުވެދިޔަ 40 އަހަރުވެސް ނުދާހާ މައްޗަށް ވަނީ ގޮސްފައެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި މިއަހަރުގެ ނިޔަލަށް ދުނިޔޭގެ އިންފްލޭޝަން %8.8 އަށް އަރާނެއެވެ. ނަމަވެސް އަންނަ އަހަރު %6.5 އަށް އަދި 2024 ވަނަ އަހަރު %4.1 އަށް އިންފްލޭޝަން ދަށްވާނެ ކަމަށް އައިއެމްއެފް އިން ލަފާކުރެއެވެ.