ދުނިޔޭގެ ވިޔަފާރި

އިންފްލޭޝަނާއި ކޯވީޑުގެ ސަބަބުން އެޝިއާގެ އިޤްތިޞާދަށް އަސަރުކުރާނެ: އައިއެމްއެފް


އިންފްލޭޝަން ޕްރެޝަރު އިތުރުވެ، ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުޖެހުމަކީ އޭޝިއާގެ އިޤްތިޞާދީ ކުރިމަގަށް އޮތް ނުރައްކަލެއްކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު، އައި.އެމް.އެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާ ވިދާޅުވެއްޖެއެވެ.

މިކަމުގެ ސަބަބުން ކުރިއަށްހުރި ގޮންޖެހުންތަކުން އަރައިގަތުމަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައެޅުމަށް ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކަށް ޖޯޖީވާ ވަނީ ގޮވާލައްވާފައެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ރައީސް މަސާޓްސުގޫ އަސާކާވާ ވެސް ވަނީ އެމެރިކާގެ އިންޓަރެސްޓް ރޭޓް އެއްވަރަކަށް ބޮޑުވުމުން ކުއްލިއަކަށް ކެޕިޓަލް އައުޓްފްލޯ ވެދާނެ ކަމުގެ ނިޝާންތަކަށް ސަމާލުވުމަށް އޭޝިއާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ.

"އިންފްލޭޝަނާއި ދެކޮޅަށް އެމެރިކާގެ މާލީ އުސޫލުތައް ހަރުކަށިކުރުމުގެ ނުރައްކާ މިހާރުވެސް އަޅުގަނޑުމެންނަށް ފެންނަމުންދާއިރު، އެކަމުގެ ސަބަބުން ކެޕިޓަލް ފްލޯ ކުއްލިއަކަށް ފަހަތަށް ޖެހިދާނެ ނުވަތަ ފައިސާގެ އަގު ބޮޑުތަނުން ދަށްވެދާނެ" ހުކުރު ދުވަހު ސިންގަޕޫރުގައި ބޭއްވި އެސޯސިއޭޝަން އޮފް ސައުތުއީސްޓް އޭޝިއަންސް ނޭޝަންސް، އާސިއާން+3 ފޯރަމްގައި ދެއްވި ވީޑިއޯ މެސެޖެއްގައި އަސާކާވާ ވިދާޅުވިއެވެ.

އައި.އެމް.އެފްގެ މެނޭޖިން ޑިރެކްޓަރު ޖޯޖީވާ ވިދާޅުވިގޮތުގައި އާސީއަން ހިމެނޭ އިޤްތިޞާދުތަކަކީ ދުނިޔޭގެ އިޤްތިޞާދުތަކުގެ ތެރެއިން ކުރިއަރަމުން އަންނަ އިޤްތިޞާދުތަކެއް ކަމަށާއި އެ ޤައުމުތަކުގެ އިޤްތިޞާދު މިއަހަރު %5 އަށް ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް އަންނަ އަހަރު މި އަދަދު ކުޑަކޮށް ދަށްވާނެ ކަމަށް ޖޯޖީވާ ވިދާޅުވިއެވެ.

ނަމަވެސް ރަޝިއާ ޔުކްރެއިން ހަނގުރާމައާއި، ދުނިޔޭގެ މާލީ ދަތިކަމާއި، ޗައިނާގެ އިޤްތިޞާދީ ދުވެލި މަޑުވުން ފަދަ ކަންކަމުގެ ސަބަބުން އެޤައުމުތަކުގެ އިޤްތިޞާދީ ދުވެއްޔާއި މެދު ޔަގީން ކަމެއް ނެތް ކަމަށް ޖޯޖީވާ ވިދާޅުވިއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ އަނެއް ގޮންޖެހުމަކީ އިންފްލޭޝަން ކަމަށާއި އޭޝިއާ ސަރަހައްދުގެ އިންފްލޭޝަން ޕްރެޝަރ އަންނަނީ އިތުރުވަމުން ކަމަށްވެސް ޖޯޖީވާ ވިދާޅުވިއެވެ.

ޗައިނާގެ ހަރުކަށި ކޯވިޑު އުޞޫލުތަކުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދީ ހަރަކާތްތައް ދަށްވެ، މުޅި ދުނިޔޭގެ އުފެއްދުންތެރިންގެ ސަޕްލައި ޗޭންތަކަށް ބުރޫއަރައި، މިހާރުވެސް ދުނިޔޭގެ ކުރިއެރުން މަޑުޖެހިފައިވާކަމަށް ވެސް ޖޯޖީވާ ވިދާޅުވިއެވެ.

ޗައިނާގެ ހީނަރުކަމުގެ ސަބަބުން ކުރިމަތިވި ނަތީޖާތަކަކީ ޚާއްސަކޮށް އޭޝިއާގައި ވޭންދެނިވި ނަތީޖާތަކެއް ކަމަށާއި، ނޮވެމްބަރު މަހު މުޅި ސަރަހައްދުގައި ފެކްޓްރީތަކުގެ ހަރަކާތްތައް ދަށްވެފައިވާ ކަމަށެވެ. އަދި ކުރިއަރަމުން އަންނަ ބައެއް ޤައުމުތަކަށް ވެސް ވަނީ އެމެރިކާގެ ރޭޓް ބޮޑުވުމުން ކެޕިޓަލް އައުޓްފްލޯއާ ދެކޮޅަށް އިންޓަރެސްޓް ރޭޓް މަތިކުރަން މަޖުބޫރުވެފައެވެ.