ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2022 ގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެމެރިކާ ބަލިކޮށް ނެދަލަންޑްސް ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަތަރުގެ ޚަލީފާ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ނެދަލަންޑްސްއިން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން 10 ވަނަ މިނެޓުގައި ނެދަލަންޑްސްއިން ވަނީ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ މެމްފިސް ޑިޕާއީއެވެ. މިއީ ޑަމްފްރީސްގެ އެޙީތެރިކަމާއެކު ޑިޕާއީ ޖަހައިދިން ލަނޑެކެވެ.
ފުރަތަމަ ހާފުގައި އެމެރިކާއަށް ނަތީޖާ އެއްވަރުކުރަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. އެގޮތުން އެމެރިކާގެ ޓިމޮތީ ވެއާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ނެދަލަންޑްސްގެ ކީޕަރު އަންދްރެއަށް ނޮފާޓްއެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނެދަލަންޑްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޑޭލީ ބްލިންޑްއެވެ. މި ލަނޑު ޖެހުމުގައިވެސް އެހީތެރިވިދިނީ ޑެމްފްރީސްއެވެ.
މެޗުގެ ދެވަނަ ހާފުގައި އެމެރިކާއިން ވަނީ ބަދަލުތަކެއް ގެނަސް ލަނޑެއް ޖެހޭތޯ މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ 76 ވަނަ މިނެޓުގައި އެމެރިކާއިން ވަނީ ލަނޑު ޖަހާ ފަރަގު ކުޑަކޮށްފައެވެ. ކްރިސްޓަން ޕްލިސިޗްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ޖަހައިދިނީ ހާޖީ ރައިޓްއެވެ.
އެކަމަކު މެޗުގެ 81 ވަނަ މިނެޓުގައި ނެދަލަންޑްސްއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ ޑެމްފްރީސްއެވެ. މިއީ ބްލިންޑްގެ އެހީތެރިކަމާއެކު ޑެމްފްރީސް ކާމިޔާބުކުރި ލަނޑެކެވެ.
ނެދަލަންޑްސްއިން އެންމެ ފަހުން ވާދަކުރި ތިން ފަހަރުވެސް ވަނީ ކުއާޓާ ފައިނަލުގައި ކުޅެފައެވެ. އެއީ 2010، 2014 އަދި މިއަހަރެވެ. 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެ ޓީމު ކޮލިފައެއް ނުވެއެވެ.