ޚަބަރު

4 ރަށެއްގެ އިސްލާމީ މަރުކަޒާއި 10 ރަށެއްގެ މިސްކިތް ބިނާކުރަން ހުޅުވާލައިފި


  • ބިޑު ހުށަހަޅުމުގެ ފުރުސަތު އަންނަ މަހުގެ 16 އާ ހަމައަށް ވަނީ ހުޅުވާލާފައި

  • ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން

ހަތަރު ރަށެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ އިސްލާމީ މަރުކަޒުތަކާއި 10 ރަށެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާނުކުރައްވައިފިއެވެ.

މި މަޝްރޫއުތައް އިއުލާން ކުރައްވާފައިވަނީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިންނެެވެ.

މާލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހަޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުން ނިންމަވާފައިވާ ގޮތުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް ހަމަޖެހިފައިވަނީ ހއ.އިހަވަންދުއާއި ށ. ފުނަދުއާއި ޅ.ނައިފަރު އަދި ގއ. ވިލިނގިލީގައެވެ. އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 102،000 ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. އަދި ނައިފަރުގައި އިސްލާމީ މަރުކަޒު ބިނާ ކުރުމަށް 126،000 ރުފިޔާ ބިޑް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނެއެވެ.

މިސްކިން ބިނާ ކުރުމަށް ބިޑަށް ހުޅުވާލާފައިވަނީ ރ. މީދުއާއި ކ.ގުޅިއާއި އއ. މަތިވެރިއާއި އދ. ފެންފުއްޓާއި ފ. ފީއައްޔާއި ދ. ރިނބިދުއާއި ގދ. ނަޑެއްލާ، މަޑަވެލި، ހޯނޑެއްދޫ އަދި ފަރެސްމާތޮޑާއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މި މަޝްރޫއުތަކަށް ޝަރުތު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިއަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުން ކަމަށެވެ.

މި މަޝްރޫއުތަކަށް ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް އަންނަ ޖުލައި މަހުގެ 16 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. ބިޑް ހުޅުވުން އޮންނާނީ ޖުލައި މަހުގެ 17ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.