ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދެވިދާނެ ދާއިރާތަކާއި ގުޅޭގޮތުން ވޯލްޑު ބޭންކާއެކު މަޝްވަރާކޮށްފިއެވެ.
ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު އާއި މިނިސްޓްރީގެ އިސް ބޭފުޅުން ހިމެނޭހެން، މި މަޝްވަރާ ބައްދަލުވުން ބާއްވާފައިވަނީ ވޯލްޑު ބޭންކުން ދިވެހިރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ޤައުމުތަކަށް ކަނޑައަޅާފައި ހުންނަވާ ނައިބު ރައީސް މާޓިން ރައިޒަރ އާއި އެކުއެވެ.
ފިނޭންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުވުމުގައި ވަނީ އިޤްތިސާދީގޮތުން ރާއްޖެ ކުރިއަރުވާ، ތަރައްޤީގެ މަޝްރޫޢުތަކުގައި ވޯލްޑް ބޭންކުން އެއްބާރުލުން ދެވިދާނެ ދާއިރާތަކާއި، މާލީގޮތުން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ.
މި ބައްދަލުވުމާއި ގުޅޭގޮތުން ވޯލްޑު ބޭންކުގެ ނައިބު ރައީސް މާޓިން ރައިޒަރ ވިދާޅުވީ، ރާއްޖެއިން މާލީ ދާއިރާގައި ކުރަމުންދާ މަސައްކަތްތާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި ދުނިޔެ އިޤްތިސާދީގޮތުން ދަށަށް ގޮސްފައިވާއިރު، ރާއްޖެއިންވެސް މިކަމަށް ތައްޔާރުވުން މުހިއްމު ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަރައްޤީ ގެނައުމުގައި އެބޭންކުން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް މާޓިން ވަނީ ވިދާޅުވެފައެވެ.
Thank you @MoFmv Min. Hon. @iameeru for a great meeting. Happy to see good efforts at fiscal adjustment. Important step towards resilience and rebuilding buffers in the face of global challenges. @WorldBank will continue to support reforms for #Maldives resilient development. pic.twitter.com/4XClJY8c2q
— Martin Raiser (@MartinRaiser) December 8, 2022
ރަސްމީ ދަތުރުފުޅެއްގައި ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިން ރާއްޖެއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ކްލައިންޓުންނާއި ޕާޓްނަރުންނާއެކު، އާ ފުރުޞަތުތައް ހޯދުމަށާއި، ބައިނަލްއަޤްވާމީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ތަރައްޤީއަށް އިސްކަންދޭ ކަންކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ތަކެއް ދަސްކުރުމަކީ އުއްމީދެއްކަމަށްވެސް މާޓިން މީގެކުރިން ވިދާޅުވެފައިވެއެވެ.
ވޯލްޑް ބޭންކުގެ ނައިބު ރައީސް މާޓިންއާއި، އަރިހުގައި ރާއްޖެވަޑައިގެންނެވި ވަފްދުގެ މިދަތުރުފުޅަކީ 4 ދުވަހުގެ ދަތުރުފުޅެއް ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ރާއްޖޭގެ އިޤްތިޞާދީ އިޖްތިމާއީ އަދި ޢުމްރާނީ ތަރައްޤީގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ބައިނަލްއަޤްވާމީ މާލީ އެހީދޭ އެއް އިދާރާއަކީ ވޯލްޑް ބޭންކެވެ. ވޯލްޑް ބޭންކުން އަންނަނީ އެކި ދާއިރާތަކުން މާލީ އެހީ ފޯރުކޮށްދިނުމުގެ އިތުރުން، އިންސާނީ ވަޞީލަތް ތަރައްޤީކޮށް، އިޤްތިޞާދު ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުވެސް ދެމުންނެވެ.