ހީނަރުވަމުންދާ އިޤްތިޞާދު ހަމަޔަކަށްއަޅުވައި އިންފްލޭޝަން ކޮންޓްރޯލުކުރުމަށް، އަންނަ އަހަރުގެ ބޮޑު ބައެއްގައި ކެނެޑާގެ އިންޓަރެސްޓު ރޭޓު %4 ނުވަތަ އެއަށްވުރެ މަތީގައި ބަހައްޓަން ޖެހޭނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްއިން ބުނެފިއެވެ. ކެނެޑާގެ މަރުކަޒީ ބޭންކުގެ އިންޓަރެސްޓް ރޭޓް މިހާރު ހުރީ %4.25 ގައެވެ. މިއީ ވޭތުވެދިޔަ 15 އަހަރުވެސް އިންޓަރެސްޓު ރޭޓު މަތިނުވާހާ މިންވަރެކެވެ.
ކެނެޑާގެ އިޤްތިޞާދުގެ އަހަރީ ރިވިއުގައި އައިއެމްއެފް އިން ބުނެފައިވަނީ، މިވަގުތު އިސްކަންދޭ އެންމެ މުހިންމު ކަމަކީ ރިސެޝަނަކަށް ނުދާނެހެން އިންފްލޭޝަން ދަށްކުރުމެވެ. އަދި އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް މިހާރު ބޭންކް އޮފް ކެނެޑާއިން އެކަށައަޅާފައިވާ ހަރުކަށި ސިޔާސަތަށް މަރުހަބާ ކިޔާ ކަމަށްވެސް އެ ރިޕޯޓުގައިވެއެވެ.
އިންފްލޭޝަން ކޮންޓްރޯލު ކުރުމަށް ބޭންކުން ވަނީ 9 މަސް ދުވަހުގެ ތެރޭގައި 400 ބޭސިސް ޕޮއިންޓަށް އިންޓަރެސްޓް ރޭޓު މަތިކޮށްފައެވެ. އަދި މިއީ އެބޭންކުން ޓާގެޓް ކޮށްފައިވާ އަދަދަށްވުރެ މާ މަތީ އަދަދެކެވެ. މަނީ މާކެޓްތަކުން ލަފާކުރާ ގޮތުގައި އިންޓަރެސްޓު އެންމެ މަތިވާނީ އަންނަ އަހަރުގެ ޖޫން މަހު %4.36 އަށެވެ. އަދި އަންނަ އަހަރު ނިމޭއިރު އިންޓަރެސްޓް ރޭޓު ހުންނާނީ %4.10 ގައެވެ.
ވޭތުވެ ދިޔަ 40 އަހަރުވެސް ނުދާހާ މައްޗަށް ކެނެޑާގެ އިންފްލޭޝަން ޖޫން މަހު ދިއުމަށްފަހު މިހާރު އިންފްލޭޝަން އަންނަނީ ދަށްވަމުންނެވެ. ނަމަވެސް އަދިވެސް މިއީ މަރުކަޒީ ބޭންކުން ކަނޑައަޅާފައިވާ %2 އަށް ވުރެ ތިން ގުނަ މަތީ ޢަދަދަކެވެ.
ކެނެޑާގެ މިއަހަރުގެ އިޤްތިޞާދީ ދުވެލި ހަލުވި ވާނީ %3.3އަށް ކަމަށާއި، އަންނަ އަހަރު ހަލުވި ވާނީ %1.5 އަށް ކަމަށް ލަފާކޮށްފައިވާއިރު، އިންފްލޭޝަން ދަށްވަމުން ގޮސް 2024 ވަނަ އަހަރު ނިމޭއިރު %2ގެ އަމާޒަށް އެނބުރި އަންނަން ޖެހޭނެ ކަމަށް އައިއެމްއެފް އިން ބުނެއެވެ. އަދި ކުރިއެރުން މަޑުޖެހުމުން ވަޒީފާ ނެތް މީހުންގެ ޢަދަދު އާދައިގެ މިންވަރަކަށް މައްޗަށްގޮސް، އަންނަ އަހަރުގެ ނިޔަލަށް ކޯވިޑުގެ ބަލިމަޑުކަމުގެ ކުރީގައި ހުރި މިންވަރު ކަމަށްވާ، %6 އަށް ވާސިލްވާން ޖެހޭ ކަމަށްވެސް އައިއެމްއެފް އިން ލަފާކޮށްފައިވެއެވެ.
އައިއެމްއެފްއިން ލަފާކޮށްފައިވާ އެ ހިސާބުތަކަކީ ބޭންކް އޮފް ކެނެޑާއިންވެސް ލަފާކޮށްފައިވާ ލަފާކުރުންތަކެކެވެ. ބޭންކް އޮފް ކެނެޑާއިން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ކެނެޑާގެ އިގްތިސާދީ ހަލުވި ވާނީ %1 އަށެވެ. އަދި 2024 ވަނަ އަހަރު އިންފްލޭޝަން %2އަށް ވާސިލުވާނެ ކަމަށެވެ.