ދުނިޔޭގެ ވިޔަފާރި

ތެލުގެ ވިޔަފާރީގައި ޔުއާން ބޭނުންކުރަން ޗައިނާއިން މަސައްކަތް ފަށައިފި


ޢަރަބި ޤައުމުތަކުން ތެލުގެ ވިޔަފާރި ކުރުމުގައި، ޗައިނާއިން މަސައްކަތްކުރާނީ އެގައުމުގެ ފައިސާ ކަމަށްވާ، ޔުއާން ބޭނުން ކުރުމަށް ކަމަށް ޗައިނާގެ ރައީސް ޝީ ޖިންޕިންގ ވިދާޅުވެއްޖެއެވެ.

ޝީ މިގޮތަށް ވިދާޅުވެފައި ވަނީ ސައޫދީ އަރަބިއާގެ ވެރިރަށް ރިޔާޟުގައި ބޭއްވި ގަލްފް ސަމިޓުގައި ދެއްކެވި ވާހަކަފުޅުގައެވެ. ޗައިނާގެ ރައީސް ވިދާޅުވެފައިވަނީ، ޗައިނާއިން ތެޔޮ ގަތުމުގައި ޔުއާން ބޭނުން ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.

ޝީ މިފަދައިން ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި އެމެރިކާ ޑޮލަރުން ގަދަކޮށްފައި އޮތް އޮތުން ކުޑަކުރުމަށް ޗައިނާއިން ގެންގުޅޭ ސިޔާސަތުގެ ދަށުންނެވެ. ޗައިނާއިން ތެލުގެ ވިޔަފާރީގައި ޔުއާން ބޭނުންކުރަން ފަށައިފިނަމަ ދުނިޔޭގެ ބާޒާރުގައި ޔުއާންގެ ބާރުވެސް ގަދަވާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މަޝްވަރާތައް ފަށްޓަވަމުން ސަޢުދި ޢަރަބިއްޔާގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން ވަނީ ޗައިނާއާއި ގުޅުން ބަދަހިކުރުމުގެ ތާރީޚީ އައު މަރުހަލާގެ ޚަބަރު ދެއްވާފައެވެ. ޝީ ސަޢުދީއަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު، މީގެ ފަސް މަސް ކުރިން ރިޔާޟްގައި ބޭއްވި ކުޑަ އަރަބި ސަމިޓެއްގައި އެމެރިކާގެ ރައީސް ޖޯ ބައިޑަންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޢަރަބި ޤައުމުތަކުގައި ޗައިނާގެ ނުފޫޒު އަންނަނީ ގަދަވަމުންނެވެ. އެގޮތުން، ޝީ މިހާރު ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެސް ޢަރަބި ޤައުމުތަކާއި ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ދަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން ދުނިޔޭގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ އެމެރިކާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ސައުދީ އާއި ޢަރަބި ޤައުމުތަކުން ވަނީ ޗައިނާއާއެކު ހަދާ އެއްބަސްވުންތައް ލިމިޓު ކުރުމަށް އެމެރިކާއިން ބުނި ބުނުމަށް ބީރުކަންފަތެއް ދެމުންނެވެ. އަދި އޯޕެކް ޕްލަސް ޤައުމެއް ކަމަށްވާ ރަޝިއާގެ ގުޅުން މެދުކަނޑާލަން ގޮވާލި ގޮވާލުމަށްވެސް އެ ޤައުމުތަކުން އިޖާބައެއް ނުދެއެވެ.

ޗައިނާއިން އެ ޤައުމާއެކު ކުރާ ތެލުގެ ވިޔަފާރިތަކުގައި ޔުއާން ބޭނުން ކުރަން ގޮވާލި ނަމަވެސް އެކަން އަވަސް މުސްތަގުބަލެއްގައި ކުރެވޭނެކަމަށް އިޤްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލެއް ނުކުރެއެވެ. އެއީ ސައުދީގެ މިލްކިއްޔާތުގައި ހުރި ގިނަ ތަކެއްޗާއި ރިޒާވް ހުރީ ޑޮލަރުންކަމަށްވާތީއެވެ. އެގޮތުން ޓްރެޝަރީޒްގެ ގޮތުގައި އެކަނި 120 ބިލިއަން އެމެރިކާ ޑޮލަރު އެ ޤައުމުގައި އެބަހުއްޓެވެ.

ޗައިނާ-ގަލްފް ފްރީ ޓްރޭޑް ޒޯނެއް އުފެއްދުމަށްވެސް ޗައިނާ އާއި ސައޫދީން ވަނީ މި ބައްދަލުވުމުގައި މަޝްވަރާކޮށްފައެވެ.

ސަޢުދީގެ ވަލީއަހުދު މުހައްމަދު ވިދާޅުވި ގޮތުގައި ގަލްފް ކޯއޮޕަރޭޝަން ކައުންސިލް، ޖީސީސީ ގައުމުތައް ޝާމިލްވާ ގޮތުން ޗައިނާއާއެކު ފްރީ ޓްރޭޑް ޒޯނެއް އުފެއްދެވުމަށް ގައުމުތަކުގެ މެދުގައި މަޝްވަރާތައް ފައްޓަވާނެއެވެ. ޖީސީސީ ގައި ހިމެނެނީ، ބަހްރެއިން، ކުވައިތު، އޮމާން، ގަތަރު، ސައޫދީ އަރަބިއްޔާ އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީއެވެ.

ޗައިނާއާއެކު ފްރީ ޓްރޭޑް ޒޯނެއް އުފެއްދެވުމުގެ ބޭނުމަކީ ކާބޯތަކެއްޗާއި ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރެއްވުން ކަމަށް ވަލީއަހުދު ވިދާޅުވިއެވެ. ބެއިޖިން އާއެކު ސަޕްލައި ޗެއިން ވަރުގަދަ ކުރުމަކީ ޗައިނާއަށާއި، ޖީސީސީ ގައުމުތަކަށް ވެސް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް ވަލީއަހުދު ވިދާޅުވިއެވެ.

މީގެއިތުރުން ޗައިނާގެ ވާވޭ ޓެކްނޮލޮޖީސް ސައޫދީއާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ސައޫދީގައި ކްލައުޑު ކޮމްޕިއުޓިން ގާއިމުކުރުމަށް ޑާޓާ ސެންޓަރުތައް ބިނާކުރުމާއި ސައުދީ ސިޓީތަކުގައި ވާވޭ ޓެކްނޮލޮޖީޒްގެ ޒަމާނީ ވަސީލަތްތައް ގާއިމުކުރާނެއެވެ.