ޚަބަރު

ރާއްޖެ-ޔޫކޭ ޕާލިމެންޓަރީ ގްރޫޕާއި ރައީސް ބައްދަލުކުރައްވައިފި


ރައީސް އަބްދުﷲ ޔާމިން، ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ވަފްދުގެ ބޭފުޅުންނާއިއެކު / ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް، ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕްގެ ވަފްދެއް އިޙްތިރާމުގެ ޒިޔާރަތެއް ‏‏ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބްރިޓިޝް-މޯލްޑިވްސް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕުން ޒިޔާރަތް ކުރެއްވި ވަފުދާ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަހުގެ ޙާލަތު ހިއްޞާ ކުރައްވާފައެވެ. އަދި މިސަރުކާރުގެ މުހިންމު ލަނޑުދަނޑިތަކަކީ އިޤްތިޞާދީ ތަރައްޤީއާއި އަންހެނުންނާއި ޒުވާނުން ބާރުވެރުކުރުވުންކަން ފާހަގަކުރެއްވިއެވެ.ރާއްޖެއަށް ކުރެއްވިމި ޒިޔާރަތުގެ ތަޖުރިބާ ވަރަށް ރަނގަޅު ކަމަށް އޯލް ޕާޓީ ޕާލިމެންޓްރީ ގްރޫޕުގެ ވަފުދުން ވިދާޅުވިއެވެ.މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރ އަލްފާޟިލް އަޙްމަދު ނިހާން ހުސެން މަނިކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ޕްރެޒިޑެންޝަލް އެފެއާޒް އަލްއުސްތާޛް މުޙަންމަދު މުޖުތާޒުއާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.