ޚަބަރު

ވާދަކުރާނެ މީހަކު ނެތި، އެމްއެންޕީގެ ރިޔާސީ ޓިކެޓު ނާޒިމަށް


މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ކުރިމަތިލާފައިވަނީ އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެކަނިކަމަށް އެޕާޓީން ބުނެފިއެވެ.

އެމްއެންޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީޚު އިއުލާން ކޮށްފައިވަނީ އެޕާޓީގެ ފުރަތަމަ ޤައުމީ ހިންގާ ކައުންސިލްގެ ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި ނިންމާފައިވަނީ 1 ޑިސެމްބަރުގައި ޕްރައިމަރީއަށް އިޢުލާނުކޮށް، އަންނަ އަހަރުގެ ޖެނުއަރީގައި ރިޔާސީ ޕްރައިމަރީ އިންތިޚާބު ބޭއްވުމަށެވެ. މިއަދުގެ ނިޔަލަށް ކުރިމަތިލުމަށް އޮތް މުއްދަތުގައި ޕްރައިމަރީއަށް ވާދަކުރައްވާފައިވަނީ ނާޒިމް އެކަންޏެވެ.

ޕްރައިމަރީގައި ވާދަކުރާނެ މީހަކު ނެތުމުން އެމްއެންޕީގެ ރިޔާސީ ޓިކެޓްވަނީ ނާޒިމަށް ލިބިވަޑައިގެންފައެވެ. ނަމަވެސް ޓިކެޓް ހަވާލު ކުރުމަށް ވަކި ތާރީހެއް އަދި ކަނޑަނާޅާކަމަށް އެޕާޓިން ބުންޏެވެ. އެމްއެންޕީއަކީ ރާއްޖޭގައި އެންމެ ފަހުން އުފެއްދި ސިޔާސީ ޕާޓީއެވެ.


އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުވެރިކަން ގިނަ ޕާޓީތަކަކުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީއާއި، ޕީޕީއެމްއާއި، އެމްއެންޕީއާއި، އެމްޑީއޭއިންވެސް ވަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ފާޅު ކޮށްފައެވެ. އެގޮތުން ޕީޕީއެމުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ކެނޑިޑޭޓެއްގެ ގޮތުގައި ރައީސް ޔާމީން ކަނޑައަޅާފައިވާއިރު، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި އިއުލާން ނުކުރެއެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވާ ރިޔާސީ އިންތިޚާބު ބާއްވަން ތާވަލްކޮށްފައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.