ޚަބަރު

ބޭރު ޤައުމުތަކުގެ ސަރުކާރު ކޮލެޖް، ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގޭނެ


ރާއްޖެއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުގެ ސަރުކާރު ހިއްސާވާ ކޮލެޖު، ޔުނިވަރސިޓީތައް ރާއްޖޭގައި ހިންގޭ ގޮތަށް ހަމަޖައްސައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓްކޮށްފައިވާ "ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒުތައް ރަޖިސްޓްރީކޮށް ހިންގުމުގެ ޤަވައިދަށް" ގެނައި އިސްލާހުގައި ވަނީ ދިވެހި ސަރުކާރުން ދައުވަތު ދީގެން، ރާއްޖެއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން، ބޭރު ޤައުމެއްގެ ސަރުކާރު ހިއްސާވާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ ކެމްޕަސްތައް ރާއްޖޭގައި ހިންގޭނެކަމަށެވެ.

މި އުޞޫލުގައި ވަނީ ރަޖިސްޓްރީކުރަން އެދި ހުށަހަޅަން ފުރުޞަތު ދޭ މަރުކަޒަކީ އެ މަރުކަޒު ނިސްބަތްވާ ޤައުމުގެ ސަރުކާރު ހިއްސާވާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ރަޖިސްޓްރީކޮށްދޭ މަތީ ތަޢުލީމާއި، ތަމްރީނުދޭ މަރުކަޒު ވާންވާނީ ރާއްޖެއާއި ޑިޕްލޮމެޓިކް ގުޅުން ޤާއިމްކޮށްފައިވާ ޤައުމެއްގެ ތަނަކަށް ކަމަށް މި ޤަވައިދުގައިވެއެވެ. ނަމަވެސް ރާއްޖޭން ބޭރުގެ ކޮލެޖް ޔުނިވަރސިޓީތަކުގެ ކެމްޕަސް ރާއްޖޭގައި ހެދުމުގެ ހުއްދަ ދިންނަމަވެސް ދަރިވަރުންގެ އަތުން އެއްވެސް ކަހަލަ މާލީ މަންފާއެއް ނުވަތަ ފީއެއް ނެގުމަކީ މަނާ ކަމެކެވެ.

މި ޤަވައިދުގައި ބުނާގޮތުން ބޭރުގެ މަރުކަޒުތަކަށް ރާއްޖޭގައި ހިންގޭނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ޤަބޫލުކުރާ ޕްރޮގްރާމްތަކުގެ ތެރެއިން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ދޭ ޕްރޮގްރާމްތައް އެކަންޏެވެ. އަދި އެ ޕްރޮގްރާމްތަކަށް ސަނަދު ދޫކުރަން ޖެހޭނީ އެ މަރުކަޒު ނިސްބަތްވާ މައި އިދާރާއިންނެވެ.

ބޭރު ޤައުމުތަކުގެ ކޮލެޖް، ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ހެދުމަށް ފަސޭހަ ފުރުޞަތެއް މީގެ ކުރިން ފަހިވެފައެއް ނޯވެއެވެ. ނަމަވެސް ރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކާ ގުޅިގެން ބޭރުގެ ކޯސްތައް ހިންގުމުގެ ފުރުޞަތު އަބަދުވެސް އޮވެއެވެ.

ރާއްޖޭގައި ބޭރުގެ ކޮލެޖް ޔުނިވަރސިޓީތަކުގެ ކެމްޕަސްތައް ހުޅުވުމުގެ ފުރުޞަތުތައް ފަހިކޮށްދީފައިވާއިރު ބޭރުގެ އެކި ޤައުމުތަކުން އަންނަނީ ރާއްޖެއަށް އެކި ދާއިރާތަކުން ތަމްރީންވުމަށް ސްކޮލަރޝިޕް ފޯރުކޮށްދެމުންނެވެ.