ބޭންކް އޮފް މޯލްޑިވްސްގެ އިންޓްރެސްޓް ރޭޓްތައް ދަށްކުރުމަށް އެ ބޭންކުގެ ބޯޑުން ނިންމައިފިއެވެ. ބީ.އެމް.އެލްއިން އެ ބޭންކުގެ އިންޓްރެސްޓްރޭޓް ދަށްކުރުމަށް ވިސްނާކަމަށްބުނެ އެކަން އާންމުކޮށް އިޢުލާންކުރެއްވީ، މިމަހުގެ ތެރޭގައި އެ ބޭންކްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ޕީއެސްއެމްއަށް ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ. އަދި މިކަމާމެދު ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގައި މަޝްވަރާކޮށް މިހާރު މިވަނީ، އެ ބޭންކުގެ އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ފާސްކޮށްފައެވެ. ޕީ.އެސް.އެމްއަށް ދެއްވި އިންޓަރވިއުގައި ބީއެމްއެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ، މި ނިންމުމުގެ ސަބަބުން ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށްވެސް ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. މިފަދަ ނިންމުމެއްގެ ސަބަބުން ބޭންކުގެ ކަސްޓަމަރުންގެ ގޮތުގައި ތިބި ޢާއްމު ރައްޔިތުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް އެންޑްރޫ ހީލީ ވިދާޅުވިއެވެ. އެގޮތުން މި ނިންމުމަކީ، ސީދާ އެ ބޭންކުގެ ކަސްޓަމަރުންނަށް ވިސްނާ ކަސްޓަމަރުންނަށް ފައިދާ ކުރާނެ ނިންމުމެއްކަމަށް އެންޑްރޫ ވިދާޅުވިއެވެ."އިންޓްރެސްޓް ރޭޓްތައް ކުޑަ ކޮށްގެން އެތައްހާސް ދިވެހީންނަށް ފައިދާ ކުރާނެ. މިސާލަކަށް ބުނަންޏާ، ގެހެދުމަށް ދޫކުރާ ލޯނުގެ އިންޓްރެސްޓް ރޭޓް ކުޑަކޮށްގެން، ގާތްގަނޑަކަށް ވިއްސަކަށް އަހަރުގެތެރޭގައި އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ދިރިއުޅުމަށް ބޮޑު ބަދަލުތަކެއް ގެނެވޭނެ. މިހާރު ބޭންކްގެ މާލީ ޙާލަތު ތަންދޭ ކަމަށް ޤަބޫލުކުރެވޭތީއާވެސް އެކީ އިންޓްރެސްޓް ރޭޓްތަކަށް ބަދަލުގެނައުމަށް މަސައްކަތް ކުރަމުން މިދަނީ. " އެންޑްރޫ ވިދާޅުވިއެވެ.އިންޓްރެސްޓް ރޭޓް ދަށްކުރުމަށް ބޯޑުން ފާސްކުރުމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، މިކަމާގުޅޭ ފުރިހަމަ ތަފްޞީލް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އާންމު ކުރާނެކަމަށެވެ. މިއީ، ބޭންކުގެ ތާރީޚުގައިވެސް އިންޓްރެސްޓް ރޭޓް ދަށްކުރާ ފުރަތަމަ ފަހަރެވެ. އެކުންފުނީގެ ބޯޑުން މިގޮތަށް ނިންމިނަމަވެސް އިންޓްރެސްޓް ރޭޓްތަކަށް ގެންނާނެ ބަދަލުތަކާއި ބަދަލު ގެންނާނެ ގޮތްތައް އަދި ބޭންކުން ހާމައެއް ނުކުރެއެވެ. ބީއެމްއެލްގެ ލޯނުތަކަށް އިންޓަރެސްޓްގެ ގޮތުގައި އެވްރެޖްކޮށް އަހަރަކަށް 11.5 އިންސައްތައާއި 18 އިންސައްތައާ ދެމެދުގެ އަދަދެއް މިހާތަނަށް އައީ ނަގަމުންނެވެ.