ދުނިޔޭގެ ވިޔަފާރި

ޕޯޗުގަލްގެ ފަޤީރު އާއިލާތަކަށް ސަރުކާރުން ސަބްސިޑީ ދެނީ


ޕޯޗުގަލްގައި އުފުލެމުންދާ އިންފްލޭޝަންގެ ސަބަބުން ދަތިކަން ކުރިމަތިވެފައިވާ މިލިއަނެއްހާ ފަގީރު އާއިލާތަކަށް 240 ޔޫރޯގެ ސަބްސިޑީ ދިނުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި އެހީ ދިނުމަށް ޕޯޗުގަލް ސަރުކާރުން ނިންމާފައިވަނީ، އެންމެ ކުޑަ ޕެންޝަން ނުވަތަ އެންމެ ކުޑަ އުޖޫރަ ލިބޭ އާއިލާތަކަށެވެ. އެގޮތުން މި އެހީ މިމަހުގެ 31 ގެ ނިޔަލަށް ލިބޭނެ ކަމަށް ޕޯޗުގަލުގެ ލޭބަރ މިނިސްޓަރު އަނާ މެންޑެސް ގޯޑިނިއޯ ވިދާޅުވެފައިވެއެވެ.

މި އެހީއަށް ދައުލަތުގެ ޚަޒާނާއިން 266.33 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެ ކަމަށާއި، މިއީ މީގެ ކުރިން ސެޕްޓެމްބަރު މަހު އިއުލާންކުރި 2.4 ބިލިއަން ޔޫރޯގެ ޕެކޭޖަށް އިތުރުވާ އެއްޗެއް ކަމަށް މެންޑެސް ވިދާޅުވިއެވެ. އަދި މިއީ އިންފްލޭޝަން މަތިވުމާއި ހަކަތައިގެ އަގު އުފުލުމުގެ ސަބަބުން ކުރިމަތިލާން ޖެހޭ ދަތިތަކުން އަރައިގަތުމަށް އާއިލާތަކަށް އެހީތެރިވެދޭނެ ޕެކޭޖެއްކަމަށް އަނާ ވިދާޅުވިއެވެ.

ލޭބަރ މިނިސްޓަރު ވިދާޅުވީ، ކޮންމެ ހާލަތަކަށް އެކަށީގެންވާ ހައްލެއް މި އެހީގައި ހިމެނޭކަމަށެވެ. އިންފްލޭޝަންގެ އަސަރު އެންމެ ބޮޑަށް ކުރާނީ އެންމެ ނާޒުކު އާއިލާތަކަށް ކަމަށާއި، މި އެހީ އެ އާއިލާތަކަށް ލިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕޯޗުގަލުގައި ނޮވެމްބަރު މަހު ކޮންސިއުމަރުންގެ އަގުތައް %9.9 އަށް މަތިވެފައިވާވާއިރު، މިއީ ވޭތިވެދިޔަ ތިން ގަރުނުގައިވެސް މަތިނުވާހާ މިންވަރެކެވެ. އަދި މިއީ 2022 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ލަފާކުރި %4 އަށް ވުރެ ދެގުނަ އިތުރު ޢަދަދެކެވެ.

އެޤައުމުގެ ފިނޭންސް މިނިސްޓަރު ފެނާންޑޯ މެޑީނާ މިދިޔަ މަހު ރޮއިޓާސް ނޫހަށް ވިދާޅުވި ގޮތުގައި ޕޯޗުގަލްގެ އިގްތިޞާދީ ދުވެލި މިއަހަރު މަދުވެގެން %6.7 ހަލުވި ވެދާނެއެވެ. އަދި މިއީ ސަރުކާރުން ލަފާކޮށްފައިވާ %6.5 އަށް ވުރެ އިތުރު މިންވަރެކެވެ.

މެންޑެސް އިތުރަށް ވިދާޅުވީ، ވަޒީފާދޭ ފަރާތްތަކާއި އެގައުމުގެ ދެވަނައަށް އެންމެ ބޮޑު ލޭބަރ ޔޫނިއަން، ޔޫޖީޓީއާއި އެއްބަސްވެފައިވާ ގޮތަށް ޖެނުއަރީ 1 އިން ފެށިގެން ޕޯޒްގީޒުގެ އެންމެ ކުޑަ އުޖޫރަވެސް %7.8 އިތުރުކޮށް 806.82 އެމެރިކާ ޑޮލަރަށް ވަނީ ބަދަލުކޮށްފައެވެ.

ޕޯޗްގީޒްގެ ލޭބަރ މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ގާތްގަނޑަކަށް 900،000 މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރަ ލިބޭއިރު، މިއީ މިވަގުތު ހުޅަނގު ޔޫރަޕްގެ އެންމެ ދަށް އުޖޫރައެވެ. ޕޯޗުގަލްގެ އާބާދީއަކީ 10 މިލިއަނަށްވުރެ މައްޗަށް އަރައެވެ.