ބްރެޒިލްގެ ކުކުޅު ޕްރޮސެސް ކުރާ ފަރާތްތަކުން އަންނަ އަހަރު ކުކުޅު އުފެއްދުމާއި، އެކްސްޕޯޓު ކުރުން އިތުރު ކުރާނެކަމަށް އިންޑަސްޓްރީ ގްރޫޕް، އޭބީޕީއޭގެ އިން ބުނެފިއެވެ.
ބްރެޒިލްގެ ކުންފުނިތަކުން އަންނަ އަހަރު 14.750 މިލިއަން ޓަނާ ހަމައަށް ކުކުޅު މަސް ޕްރޮސެސްކޮށް، އެކްސްޕޯޓް %8.5 އަށް އިތުރުކުރުމަށް ނިންމާފައިވެއެވެ.
އޭބީޕީއޭގެ ރައީސް ރިކާޑޯ ސެންޓިން ވިދާޅުވީ، އެތެރޭގެ ކުންފުނިތަކުން ޒުވާރީގެ އަގު ބޮޑުކޮށް ބަންދުކުރުމާއި، ހަކަތައިގެ އަގު ބޮޑުކޮށްފައިވާއިރު، ދުނިޔޭގެ ފެންވަރުގައި ކުކުޅު އެކްސްޕޯޓު ކުރާ މިންވަރުވެސް ބްރެޒިލް އަށް އިތުރުކުރެވޭނެކަމަށެވެ.
ސެންޓިން ވިދާޅުވި ގޮތުގައި ބްރެޒިލްގެ 100 ކިލޯގެ ބްރޮއިލާ ކުކުޅުގެ އަގަކީ ގާތްގަނޑަކަށް 146 ޔޫރޯ ކަމަށާއި، ޔޫރަޕް އިއްތިހާދުން އުފައްދާ ކުކުޅުގެ އަގަކީ 263 ޔޫރޯ ކަމަށެވެ. އަދި އެމެރިކާއިން އުފައްދާ ކުކުޅުގެ އަގަކީ ގާތްގަނޑަކަށް 268 ޔޫރޯ ކަމަށާއި، މިއީ ބްރެޒިލަށް އޮތް ވަރަށް ބޮޑު ފައިދާއެއް ކަމަށް ސެންޓިން ވިދާޅުވިއެވެ.
ބްރެޒިލަށް އޮތް އަނެއް ފައިދާއަކީ އެގައުމުގައި ދުވަހަކުވެސް ދޫނި ރޯގާ ފެތުރިފައި ނުވުމެވެ. ދޫނީގެ ރޯގާގެ އަސަރު އެމެރިކާ ފަދަ ދުނިޔޭގެ ކުކުޅު ސަޕްލައިކުރާ ފަރާތްތަކަށް މި އަހަރު ވަނީ ކޮށްފައެވެ.
ވެނެޒުއެލާ، ކޮލަމްބިއާ، އިކުއެޑޯ، ޕެރޫ އަދި ޗިލީގައި މިއަހަރު ދޫނި ރޯގާ ފެތުރުމުގެ ސަބަބުން އެކަމުން ރައްކާތެރި ވުމަށް ބްރެޒިލްގެ ކުންފުނިތަކުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ކަމަށް ސެންޓިން ވިދާޅުވިއެވެ.