ޚަބަރު

މިދިޔަ މަހު ޖަލުން 12 ފޯނާއި 25 ސިމްކާޑު އަތުލައިގަތް


ގަވާއިދާއި ޚިލާފަށް ޖަލަށް ވެއްދި ތަކެތީގެ ތެރެއިން 12 މޯބައިލް ފޯނާއި 25 ސިމްކާޑު މިދިޔަ މަހު އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ވިދާޅުވެއްޖެއެވެ.

ޤަވާއިދާއި ޚިލާފަށް ޖަލަށް އެތެރެކުރާ ތަކެތި ހިފަހައްޓައި އެކަން ހުއްޓުވުމަށްޓަކައި މިދިޔަ މަހު ވަނީ ޚާއްސަ އޮޕަރޭޝަނެއް ޖަލުތަކުގައި ކުރިއަށް ގެންގޮސްފައެވެ. ކަރެކްޝަނުން ޢާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި، މިދިޔަ މަހު މާފުށީ ޖަލުން 6 މޯބައިލް ފޯނާއި، 24 ސިމްކާޑު ވަނީ އަތުލައިގަނެފައެވެ. އަދި 3 ޗާޖަރާއި 3 ހެޑްސެޓްވެސް ހޯދާފައިވެއެވެ. މިދިޔަ މަހު މާލެ ޖަލުން 6 މޯބައިލް ފޯނާއި 1 ސިމްކާޑު ހޯދާފައިވެއެވެ.

މޯލްޑިވްސް ކަރަކްޝަނަލް ސާރވިސްއިން ވިދާޅުވީ، މިދިޔަ މަހު 76 މީހަކަށް ޖަލަށްލާފައިވާކަމަށެވެ. އޭގެ ތެރޭގައި ގިނައީ މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ޖަލަށްލީ މީހުންނެވެ. އެއީ ހުކުމްކޮށްގެން ޖަލަށް ވެއްދި 58 މީހަކާއި، ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 18 މީހެކެވެ. މިދިޔަ މަހު ވަނީ 41 މީހަކު ޖަލުން މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހުކުމް ތަންފީޒުކޮށް ނިމުނު 26 މީހުންނާއި، ޝަރީއަތް ނިމެންދެން ބަންދުގައި ތިބި 15 މީހުންނެވެ.

ޖަލުގައި ތިބޭ ގައިދީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން މިދިޔަ މަހުވެސް ވަނީ ޖަލު ބަންދުގައި ތިބޭ މީހުންނަށް ފޯނުކޯލް ކުރުމުގެ ފުރުސަތު ދީފައެވެ. މިގޮތުން މާފުށީ ޖަލާއި، މާލެ ޖަލާއި، އައްސޭރި ޖަލުގެ އިތުރުން ހުޅުމާލޭ ޖަލުން 1،497 ފޯނުކޯލު ކުރުމަށް ގައިދީންނަށް ފުރުސަތު ތަނަސްވަސްކޮށްދީފައިވެއެވެ. މިމުއްދަތުގައި މިޖަލުތަކުން 168 ވީޑިއޯކޯލް ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

ޖަލުތަކުގެ ތަފާސް ހިސާބު ކޮންމެ މަހަކުވެސް ކަރެކްޝަނުން ދަނީ އާންމު ކުރަމުންނެވެ. މިތަފާސް ހިސާބުތަކުގައި ޖަލަށް ލެވޭ މީހުންނާއި، ދޫކޮށްލެވޭ މީހުންގެ އިތުރުން ގަވާއިދާއި ޚިލާފަށް ޖަލަށް ލެވޭ ތަކެތީގެ މައުލޫމާތުވެސް ކަރެކްޝަނަލް ސާރވިސްއިން ދަނީ ޢާންމު ކުރަމުންނެވެ.