ޚަބަރު

އޭޕްރީލްމަހުގެ 18ގެ ފަހުން ޕްލާސްޓިކް ކޮތަޅުން 2 ރުފިޔާ ނަގާނެ


ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނެގޭގޮތަށް ކުނި މެނޭޖްކުރުމުގެ ބިލް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާޝިދެވެ. މި ބިލުގައި ބުނެފައިވަނީ ވިޔަފާރިތަކުން ކަސްޓަމަރުންނަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް، ލެވީގެ ގޮތުގައި ކަސްޓަމަރުގެ އަތުން 2 ރުފިޔާ ނުވަތަ އެހެން ފައިސާއަކުން ނަމަަ، 2 ރުފިޔާއާ އެއްވަރުގެ ޢަދަދަކަށް ފައިސާ ނަގަންވާނެ ކަމަށެވެ.

ލެވީނެގުން އިސްތިސްނާވާ ހާލަތްތައް؛:

* ޑިއުޓީ ފްރީ ފިހާރަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅު
* ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް އެޅުމަށް ބޭނުންކުރާ
* ބަންދުނުކޮށް ހުންނަ ހަނޑޫ، ހަކަރު އަދި ފުށް އެޅުމަށް ބޭނުންކުރާ ޕްލާސްޓިކް ކޮތަޅު

ޤާނޫނުގައި ބުނެފައިވަނީ ރާއްޖޭގައި ހިންގާ ވިޔަފާރި ޙަރަކާތްތަކުން ޕޮއިންޓު އޮފް ސޭލުގައި ކަސްޓަމަރަށް ވިއްކާ ނުވަތަ ފޯރުކޮށްދޭ ޕްލާސްޓިކް ކޮތަޅުން، ލެވީ ނެގުން، މި ޤާނޫންނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 4 މަސް ދުވަހުގެ ތެރޭގައި ފަށަން ލާޒިމްވާނެ ކަމަށެވެ. އެހެންކަމުން އަންނަ އޭޕްރީލްމަހުގެ 18ގެ ފަހުން ޕްލާސްޓިކް ކޮތަޅުން ލެވީގެ ގޮތުގައި 2 ރުފިޔާ ނަގަން ފަށާނެއެވެ.

މީރާގައި ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތައް މި ޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ނަގާ ލެވީ މީރާއަށް ދެއްކުން މި ޤާނޫނުގައި ލާޒިމުކޮށްފައެވެ. މިއާއެކު މިޤާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅުން ލެވީ ނެގުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޤަވާއިދު، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޙުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި މީރާއިން އެކުލަވާލަން ޖެހެއެވެ. އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް ބޭނުންކުރުން 2023 ވަނަ އަހަރާއި ހަމަޔަށް ހުއްޓާލާ ގައުމަކަށް ދިވެހިރާއްޖެ ހެދުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

މި އަމާޒު ހާސިލްކުރުމަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނަށް ގެނެސްފައިވާ އިޞްލާޙުގެ ދަށުން ތިމާވެއްޓަށް ގެއްލުން ދޭ އެއްޗެހީގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ސިންގަލް-ޔޫސް ޕްލާސްޓިކްގެ ބާވަތްތައް، ދިވެހިރާއްޖެއަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުމަކީ މަނާކަމެއްގެ ގޮތުގައިވަނީ ކަނޑައަޅާފައެވެ. އެކި މަރުޙަލާތަކަކަށް ބަހާލައިގެން ކަނޑައެޅުމުގެ އިޚްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފައިވާއިރު ފުރަތަމަ ލިސްޓު މިއަހަރުގެ ޖެނުއަރީމަހުގެ 1 ވަނަ ދުވަހު ވަނީ އާއްމުކުރައްވާފައެވެ.

އެގޮތުން ދިޔާތަކެތި ބުއިމަށް ބޭނުންކުރާ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ހޮޅިއާއި ޕްލާސްޓިކް ތަށި، ސަމްސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅާއި ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮއްޓާއި ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުޑަ ޕްލާސްޓިކް ކޮތަޅު ހިމެނެއެވެ.