ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕު ކުލަބު މެޓްރިކްސް ކާމިޔާބުކޮށްފި އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ކުލަބު މެޓްރިކްސް ހޯދީ ފައިނަލުގައި ކުލަބު ގްރީންސްޓްރީޓްސް އާއި ވާދަކޮށް 4 ޕޮއިންޓުގެ ތަފާތަކުންނެވެ. މެޓްރިކްސް މޮޅުވީ 58 ޕޮއިންޓް 54 ޕޮއިންޓުންނެވެ. ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބު މެޓްރިކްސްގެ މަރިޔަމް ޝިނާއަތު އެވެ.
މި މަހުގެ 10 ވަނަ ދުވަހު ފެށި ނެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި މި އަހަރު 11 ޓީމެއް ވާދަކުރި އެވެ. ޓީމުތައް ތިން ގްރޫޕަކަށް ބަހާލާފައިވާއިރު ސެމީ ފައިނަލުން ފުރުސަތު ލިބުނީ ކޮންމެ ގްރޫޕެއްގެ އެއް ވަނަ ހޯދި ޓީމްތަކާއި، ދެ ވަނަ އަށް ދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމެވެ.
ފައިނަލް މެޗަށްފަހު މުޅި މުބާރާތުން ހޮވާލެވުނު އެންމެ މޮޅު ހަތް ކުޅުންތެރިން ވަނީ ހޮވާފައެވެ. އެއީ ކުލަބު މެޓްރިކްސްގެ އާމިނަތު އައިނީ، އައިޝަތު ސަލީމާ، މަރިޔަމް ޝިނާއަތުގެ އިތުރުން ކުލަބު ގްރީން ސްޓްރީޓްސްގެ ލަޔާން އަލީ ރަޝީދާއި އާމިނަތު ނަޒްރާގެ އަދި ކުޅުދުއްފުށި ޔޫތު އެންޑް ރެކްރިއޭޝަން ކުލަބުގެ އާމިނަތު ފިރުޝާ އާއި އީމާ އަބްދުލް ސައްތާރެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ކުލަބު މެޓްރިކްސްގެ ކޯޗު ނީޝާ ހަލީމް ހޮވުނުއިރު އެންމެ އުއްމީދީ ކުޅުންތެރިއަކަށް ހޮވިފައިވަނީ ސްޕޯޓްސް ކުލަބު ޝައިނިން ސްޓާޒްގެ ޔުމްނު އަހުމަދު މާޒިން އެވެ. މުބާރާތުގެ ކުއީންގެ މަޤާމު ހޯދީ ކުލަބު މެޓްރިކްސްގެ މަރިޔަމް ޝިނާއަތެވެ.