ޚަބަރު

ރީޖަނަލް ލީގުތަކުގެ ދަތުރުތަކަށް 1.4 މިލިއަން: އެފްއޭއެމް


  • ދަތުރުފަތުރުގެ ހަރަދު ހަމަޖައްސަނީ ފީފާގެ އެހީތެރިކަމާއެކު

  • މާލީ ގޮންޖެހުންތައް ބޮޑުނަމަވެސް އަތޮޅުތަކަށް ބޮޑު އިސްކަމެއް ދޭ

  • އަންނަ ސީޒަނުން ފެށިގެން ޕްރިމިއާ ލީގުގައި މުޅި ރާއްޖެ ޝާމިލުވާނެ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ އަތޮޅު ފުޓްބޯޅަ މުބާރާތާއި ޒޯން މުބާރާތް އަދި ރީޖަނަލް ލީގުތަކަށް އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދަތުރުފަތުރަށެވެ.

އެހެންނަމަވެސް ކުޅިވަރުގައި މާލެއަށް ޖަމާވެފައިވާ ބާރުތައް ލާމަރުކަޒުކޮށް ފުޓްބޯޅައިންވެސް މުޅި ރާއްޖެ ޝާމިލުވާގޮތަށް އެފްއޭއެމްގެ ކަންކަން ރާވާ ހިންގުމަށް އެ އިދާރާއަށްވެސް ކުޅިވަރު ގާނޫނުން ލާޒިމުކުރެއެވެ. އަތޮޅު ތެރޭގެ ފުޓުބޯޅަ ކުރިއަރުވާ، ފުޓްބޯޅައިގެ ގެއްލެމުން ދިޔަ ފޯރިއާއި ޖޯޝު އަލުން އާލާކޮށްދިނުމަށް އެފްއޭއެމުން ވަނީ ދިވެހި ޕްރިމިއާ ލީގުގެ ފޯމެޓަށް ބަދަލު ގެނެސްފައެވެ.

ރާއްޖެ ހަތަރު ސަރަހައްދަކަށް ބަހާލާ، ކޮންމެ އަތޮޅަކުންވެސް އަދި ޒޯނަކުން އަދި ރީޖަނަކުން ހޮވާލެވޭ މޮޅު ޓީމުތަކަށް، ދިވެހި ޕްރިމިއާ ލީގާއި ހަމައަށް އާދެވޭނެ ދޮރު ހުޅުވާލަދީފައިވާއިރު އެކަމަށް ހިނގާ ހަރަދުތައް ނުހަނު ގިނައެވެ.

އެފްއޭއެމުން ބުނީ ރީޖަނަލް ލީގުގެ ދަތުރުފަތުރަށް އެކަނިވެސް 1.4 މިލިއަން ރުފިޔާ ހޭދަވާކަމަށެވެ. އަންނަ ފުޓްބޯޅަ ސީޒަނުން ފެށިގެން ކޮންމެ އަހަރެއްގައިވެސް ފުޓްބޯޅަ ކަލަންޑަރު އެކުލަވާލާއިރު ދިވެހި ޕްރިމިއާ ލީގަށް އައުމުގެ ފުރުސަތު އަތޮޅު ތެރެއަށް އޮންނާނެއެވެ.

އެގޮތުން މިއަހަރު އެފްއޭއެމްއިން ކުރިޔަށް ގެންދިޔަ އަތޮޅު މުބާރާތްތަކާއި، ޒޯން މުބާރާތްތަކާއި މިހާރު ކުރިޔަށްދާ ރީޖަނަލް ލީގުތަކަކީ ޕްރިމިއާ ލީގުގެ ޕްލޭ އޮފަށް ހޮވޭ ޓީމުތައް ކަނޑައެޅުމަށް ކުރިޔަށްދާ މުބާރާތްތަކެކެވެ. މި މުބާރާތްތައް ދަތިތަކާއެކުވެސް އެފްއޭއެމުން ކުރިޔަށް ގެންދަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުގައެވެ.

އެފްއޭއެމުގެ އަތޮޅުތެރޭގެ މުބާރާތްތަކުގެ ދަތުރުފަތުރަށް އެ ހިނގާ 1.4 މިލިއަން ރުފިޔާގެ އިތުރުން މުބާރާތްތަކުގައި މަސައްކަތްކުރާ ރެފްރީންނާއި އޮފިޝަލުންނާއި، މެޗު ކޮމިޝަނަރުންނާއި އެހެނިހެން ސްޓާފުންގެ ހަރަދުތަކާއި އަދިވެސް އިތުރު ހަރަދުތަކަށް ބޮޑު ހޭދައެއް ކުރަން ޖެހެއެވެ.

އަތޮޅު މުބާރާތްތަކާއި، ޒޯން އަދި ރީޖަނަލް މުބާރާތްތައް ކުރިޔަށް ގެންދިއުމުގައި އެފްއޭއެމަށް ރަށްރަށުގެ ކައުންސިލުތަކާއި، އަތޮޅު ކައުންސިލުތައް އަދި ކުޅިވަރު ވުޒާރާގެ އެހީތެރިކަންވެސް އެފްއޭއެމަށް ލިބެއެވެ.

އެފައިސާ ޓީމުތަކަށް ދިނުމަށް އެކި ގޮތްގޮތުން އެފްއޭއެމުން ފައިސާ ހޯދާއިރު، ބޮޑުބައެއް ކަވަރު ކުރެވެނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ އެހީތެރިކަމާއެކުގައެވެ. އެގޮތުން ޒޯން މުބާރާތުގައި ވާދަކުރާ ޖުމްލަ 12 ޓީމަށް ކޮންމެ ޓީމަކަށް 30،000 ރުފިޔާ ދޭނެއެވެ.