ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރުން އެ ޤައުމުގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ހައްޔަރުކުރި ޢާންމުންގެ އެތަކެއް ހާސް މީހުންނެއްގެ ތެރެއިން 547 މަރައިލާފައިވާ ކަން ހާމަވެއްޖެއެވެ. މި ކަން ހާމަކޮށްފައި ވަނީ، އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ މިނިވަން ޖަމުޢިއްޔާއެއް ކަމުގައިވާ ސީރިޔަން ނެޓްވަރކް ފޯރ ހިޔުމަން ރައިޓްސް (އެސް.އެން.އެޗް.އާރް)އިން ކުރި ތަހުޤީޤަކަށް ފަހު، އެ ޖަމުޢިއްޔާއިންނެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީ 2011ވަނަ އަހަރުއެވެ. އަދި، ހަނގުރާމައިގެ ތެރެއިން އަސަދުގެ ސަރުކާރުން ވަނީ ސަރުކާރާ ދެކޮޅު މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އެސް.އެން.އެޗް.އާރް.އިން ބުނީ، ސޫރިޔާގެ ސަރުކާރުގެ ހައްޔަރުގައި ތިބި އެތަކެއް ހާސް ޢާންމުންގެ ތެރެއިން 547 މީހުން މަރުވެފައި ވަނީ 2017ވަނަ އަހަރުގެ ފަހުން ކަމުގައެވެ. މީގެ ތެރޭގައި 15 ކުޑަކުދިންނާއި 19 އަންހެނުން ވެސް ހިމެނެއެވެ.
އެސް.އެން.އެޗް.އާރް.އިން މި ކަން ކަށަވަރު ކޮށްފައި ވަނީ، ސޫރިޔާގެ ސަރުކާރުގައި މަސައްކަތް ކުރާ މުވައްޒަފުން މެދުވެރިކޮށް ހޯދި މަރުގެ ސެޓްފިކެޓުތައް މެދުވެރިކޮށެވެ. އެ ތަކެތި، އެ ޖަމުޢިއްޔާއަށް ފޯރުކޮށްދީފައި ވަނީ ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި މަސައްކަތް ކުރާ ވިސްލްބްލޯވަރއިންނެވެ. އެ ޖަމުޢިއްޔާއިން ވަނީ، މަރުގެ ސެޓްފިކެޓުތަކުގެ ސައްޙަކަން ކަށަވަރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެއްވެސް މަރުގެ ސެޓެފިކެޓެއްގައި މަރުވި ސަބަބު ހާމަކޮށްފައި ނުވާ ކަމަށް ވެސް އެ ޖަމުޢިއްޔާއިން ބުނެއެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއިން ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި، އެއީ އަސަދުގެ ސަރުކާރުން ހައްޔަރު ކޮށްފައިވާ މީހުންނެވެ. މީގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އަދިވެސް ފެނިފައި ނުވާއިރު، އަދި މިނިވަން ކޮށްފައި ނުވާއިރު، މީގެ ތެރެއިން ގިނަ ބަޔަކު މަރައިލާފައިވާ ކަމަށް މިހާރު މި ވަނީ ތުހުމަތު ކުރެވެން ފަށާފައެވެ.
ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އެ ޤައުމުގެ ސަރުކާރުން ހިންގާފައިވާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް ތަހުޤީޤު ކުރުމުގެ މަސައްކަތް އ.ދ.އިން އެކުލަވައިލާފައިވާ ޚާއްޞަ ކޮމިޝަނަކުން ފަށާފައިވާއިރު، އެސް.އެން.އެޗް.އާރް.އިން ހޯދާފައިވާ މަރުގެ ސެޓްފިކެޓުތައް ވެސް ތަހުޤީޤު ކުރާނެ ކަމަށް އެ ޖަމުޢިއްޔާއިން އުންމީދު ކުރެއެވެ.
547 މީހުންގެ މަރާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން، ސޫރިޔާގެ ސަރުކާރުން ވަނީ އެ ސުވާލުތަކަށް ޖަވާބުދޭން ދެކޮޅު ހަދާފައެވެ. އަދި، ސަރުކާރު ފައުޖުތަކުގެ ހައްޔަރުގައި ތިބި މީހުންނަށް ލާއިންސާނީ އަނިޔާތައް ދެމުންދާ ކަމަށް ކުރެވޭ ތުހުމަތުތައް ސަރުކާރުން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. އަދި، ޢާންމުން ޤަތުލުކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ވެސް އަސަދުގެ ސަރުކާރުން ދޮގުކުރެއެވެ.
2011ވަނަ އަހަރު އަސަދުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކާ އެކު ފެށިގެންދިޔަ ދާޚިލީ ހަނގުރާމައިގައި 350,000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ. އަދި، ސޫރިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައިގެ ދިރިއުޅުން ވިއްސިވިހާލިވިއެވެ. އަދި، އެތަކެއް މިލިޔަން ބަޔަކު ރެފިޔުޖީންނަށްވިއެވެ.