ފުލުހުންގެ ޚިދުމަތައް މިހާރު ގެންނަ ބަދަލުތަކާއެކު މިހާރަށްވުރެ ޤާބިލު އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ބަދަލުވެގެންދާނެ ކަމަށް، ދާޚިލީ ސަލާމަތާއީ މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު ވަނީ ފުލުހުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރުވީއިރު ފުލުހުންގެ ޚިދުމަތް އެންމެ އެކަށީގެންވާ މިންވަރަށް ކުރިއެރުވިފައިނުވާކަން ފާހަގަކުރައްވާފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެކުވެރިކަމުގެ ހިނގާލުމުގައި ބައިވެރިވުމަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްތީގަތުމުގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާން ވަނީ ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ ތަހުނިއްޔާ ފުލުހުންނާއި މީގެ ކުރިން ޚިދުމަތް ކުރެއްވި ފަރާތްތަކާއި އަދި ފުލުހުންގެ ޢައިލާތަކަށް ދަންނަވާފައެވެ. ވަޒީރު ވިދާޅުވީ ފުލުހުން އަސްކަރީ ޚިދުމަތަކުން މަދަނީ ޚިދުމަތަކަށް ބަދަލުވިތާ 22 އަހަރު ވެގެންދިޔައިރު އެ އިދާރާއަށް ބޭނުންވާ ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ޤާއިމްކުރެވިފައި ނުވާ ކަމަށެވެ.
ދާޚިލީ ވަޒީރު ވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެން ދިޔައީ މިދައުރުގެ ތެރޭގައިކަން ފާހަގަކުރައްވާފައެވެ. މި ސަރުކާރު ހަވާލުވިއިރު އަތޮޅުތަކުގެ އަމިއްލަ މަރުކަޒުގައި ޚިދުމަތް ދެމުން ދިޔައީ އެންމެ 17 މަރުކަޒުގައި ކަމަށް ވިދާޅުވިއެވެ.
"ފުލުހުންގެ ޚިދުމަތް 22 އަހަަރު މަދަނީ ޚިދުމަތެއްގެ ގޮތުގައި އެސްޓެބްލިޝްވެގެން އައި ކަމުގައިވިއަސް މީހުން އިތުރުވެ، ތަމްރީނު އިތުރުވެގެން އައި ވަރަކަށް އިންފްރާސްޓްރަކްޗަރ އިތުރުވެފައި ނެތީމަ އެންމެ އެދެވޭ ގޮތެއްގައި ދިވެހި ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް ވަރަށް ބޮޑެތި ގޮންޖެހުންތައް އެބަހުރި. މިހާރު ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށް އެބަދޭ. ފުލުހުންނަށް ބޭނުންވާ ޚާއްސަ ދާއިރާތަކުން ތަމްރީނުތައް ހޯދުމުގެ ކަންކަން ކުރިއަށްދޭ." ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތް ދެމުން އައި ގޮތަށް އިޝާރާތް ކުރައްވާ ވަޒީރު އިޙްސާން ވިދާޅުވީ، އެކަށީގެންވާ ވަރަށް ވަސީލަތްތައް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ރައްޔިތުން ޚިދުމަތް ދޭން ބޭނުންވާ ކޮލިޓީގައި ފުލުހުންނަށް އެޚިދުމަތް ނުދެވޭ ކަމަށެވެ. ނަމަވެސް މިހާރު ޢުމްރާނީ ތަރައްޤީއާއެކު ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދެވުމުން، ފުލުހުންގެ ޤާބިލްކަން އިތުރުކުރެވި ރައްޔިތުން އެދޭ ފަދަ ޚިދުމަތަކަށް އެ ޚިދުމަތް ބައްޓަން ވެގެންދާނެ ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
"މިހުރިހާ އިންފްރާސްޓްރަކްޗަރތައް ޤާއިމްވެ ފުލުހުންގެ ތެރޭގައި އޮނިގަނޑަށް ގެންނަން ޖެހޭ ބަދަލުތައް މިހާރު ވަނީ ގެނެވިފައި. އަދި ޚާއްސަ ދައިރާތަކުން ގެންނަން ޖެހޭ ތަމްރީނުތަކާއި އެއްޗެހި ދެވި ފުލުހުން މިހާރަށް ވުރެ ޤާބިލް އަދި ދިވެހި ރައްޔިތުން އެދޭ ފަދަ ޚިދުމަތް ދެވޭ މުއައްސަސާއަކަށް ބަދަލުވެގެން ދާނެ. މާތް ﷲ އިރާދަފުޅާއެކީ ކުރިއަށް މިއޮތް އަހަރަކީ އެގޮތަށް ދިވެހި ފުލުހުންގެ ޚިދުމަތް ބައްޓަން ވެގެން ރައްޔިތުން އެދޭ ލެވެލްއަށް ފުލުހުންގެ ޚިދުމަތް ދާނެ ދުވަހެއް." ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވީ 1 ސެޕްޓެމްބަރ 2024 ގައެވެ. އޭގެ ފަހުން މިދައުރު ތެރޭގައި ފުލުހުންގެ ޚިދުމަތް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުޅާކޮށްފައެވެ. ސަރުކާރުން ވަނީ ފުލުހުންގެ ޚިދުމަތައް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ފޯރުކޮށްދީ ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ އަދި އަމާން މުޖްތަމަޢުއެއް ޤާއިމްކުރުމަށް އެމުޢައްސާސާއިން ކުރާ މަސައްކަތަށް މަގުފަހިކޮށްދިނުމަށް ގިނަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.