މެލޭޝިއާގެ މިއަހަރުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް، ޖީޑީޕީ ކުރިން ލަފާކޮށްފައިވާ މިންވަރު ކަމަށްވާ %6.5 އާއި %7 އާއި ދެމެދަށް ވުރެ އިތުރުވުމުގެ ފުރުޞަތު ބޮޑު ކަމަށް އެ ޤައުމުގެ ބޮޑު ވަޒީރު އަންވަރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ވިޔަފާރިތަކާއި އެނޫންވެސް އިޤްތިޞާދީ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު، ފިޔަވަޅުތަކަށް ލުއި ދިނުމުން އިޤްތިޞާދީ ހަރަކާތްތައް ހަލުއި ކުރުމަށް އިތުރު ހިތްވަރެއް ލިބިއްޖެ ކަމަށް މެލޭޝިއާގެ މާލީ ވަޒީރުކަންވެސް ކުރައްވާ އަންވަރު މަޖިލީހުގައި ވިދާޅުވިއެވެ.
ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް އޭޕްރީލް މަހު ލުއި ދިނުމުން މެލޭޝިއާގެ އިޤްތިޞާދީ ދުވެލި ވަނީ ހަލުއިވާން ފަށާފައެވެ. ނަމަވެސް ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހެމުންދާތީ، ކުރިއަށް އޮތްތަނުގައި މެލޭޝިއާގެ އެކްސްޕޯޓް ކުރިއެރުމަށް ގެއްލުން ލިބިދާނެކަމުގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.
ދުނިޔޭގެ އިޤްތިޞާދީ ދުވެލި މަޑުޖެހެމުންދާތީ، މެލޭޝިއާގެ އިޤްތިޞާދުގެ މުސްތަޤުބަލު އަނދިރިވުމުގެ ފުރުޞަތު އޮތް ނަމަވެސް 3 ވަނަ ކުއާޓަރުގައި މެލޭޝިއާގެ އިޤްތިޞާދީ ދުވެލި ވަނީ ވަރަށް ބޮޑަށް ހަލުއިވެފައެވެ. މެލޭޝިއާ ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ޤައުމުތަކަށް ވުރެ ކުރިއަރާފައެވެ.
މިދިޔަ މަހު ބޭއްވި އިންތިޚާބަކަށް ފަހު ހޯމަ ދުވަހު މަޖިލީހުގެ އިތުބާރުގެ ވޯޓެއް ކާމިޔާބު ކުރެއްވި އަންވަރު ވަނީ އަންނަ އަހަރުގެ ދުނިޔޭގެ އިޤްތިޞާދަށް ވާނެ ގޮތް އަދިވެސް ސާފުނުވާ ކަމަށް ބުނެފައެވެ.
ވިޔަފާރި ކުރުން ފަސޭހަކޮށް، ފެންވަރު ރަނގަޅު އިންވެސްޓްމަންޓްތައް އިތުރުކޮށް، މެލޭޝިއާގެ ރައްޔިތުންނަށް މަތީ އަގުހުރި ވަޒީފާތައް އުފެއްދުމަށް ޓްރޭޑް އަދި ފިނޭންސް މިނިސްޓްރީތަކަށް ހަވާލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނީ އިގްތިސާދު ހަރުދަނާކޮށް، އިންވެސްޓަރުންގެ އިތުބާރު އަލުން އާލާކޮށް، ތަނަވަސް މެލޭޝިއާއެއް އަލުން ބިނާކުރުމަށް،" އަންވަރު އިތުރަށް ވިދާޅުވިއެވެ.