ޓޭބަލްޓެނިސް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ 60 ވަނަ ޤައުމީ ޓޭބަލްޓެނިސް މުބާރާތުގެ 13 އަހަރުންދަށުގެ ބައިގައި ވާދަކުރި ފުރަތަމަ އަހަރުގައި ފުވައްމުލަކުގެ ކުޅުންތެރިން ތަފާތު ދައްކައިފިއެވެ.
އެގޮތުން މުބާރާތުގެ ތޭރަ އަހަރުން ދަށުގެ އަންހެން ބައިގެ ޑަބަލްސް ޗެމްޕިއަންކަން ހޯދީ ފުވައްމުލަކުގެ ދެ ކުޅުންތެރިން ކަމަށްވާ މިޝްޔާ އަހުމަދު އާދަމް އާއި އާމިނަތު ޒާޔާ އަބްދުލް އަޒީޒެވެ. މި ދެ ކުޅުންތެރިން ފައިނަލުގައި މޮޅުވީ މާލޭ ވައިޑީޕީގެ ދެ ކުޅުންތެރިން ކަމަށްވާ އައިޝަތު އަލްސާ ނާފިޒު އާއި ސާރާ މޫސާ ޖަމީލްއާ ވާދަކޮށްގެންނެވެ.
މުބާރާތުގެ ފިރިހެން ކުދިންގެ 13 އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ފައިނަލުން ޖާގަ ހޯދާފައިވަނީ ވެސް ފުވައްމުލަކުގެ ދެ ޕެއާ އެވެ. އެއީ މުހައްމަދު އާން އަލީ އާއި މުހައްމަދު ޒާއިމް އަހުމަދުގެ ޕެއާ އާއި، އައިމަން އަހުމަދު ރަޝިދު އާއި ޔަޒީން ހުސައިން ޝަރީފްގެ ޕެއާ އެވެ. ސަތާރަ އަހަރުން ދަށުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ އަޚްޔާރު އަހުމަދު ހާލިދު އާއި ޒީކް ހަސަން ލަތީފްގެ ޕެއާ އެވެ. އަޚްޔާރު އާއި ޒީކް ފައިނަލުން މޮޅުވީ އައުން އިބްރާހިމް ލަތީފް އާއި އުމައިރު މުހައްމަދު މުއިއްޒު ޕެއާ އަތުންނެވެ.
އަންހެން ކުދިންގެ 17 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ، ގައުމީ ސްކޮޑުގައި ހިމެނޭ، ފާތިމާތު ދީމާ އަލީ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ. އެއީ ފައިނަލުގައި ޒާރާ ހަސަން ލަތީފް އާއި މަލާކް ބިންތި މުއިއްޒުގެ ޕެއާ ބަލިކޮށްގެންނެވެ.
ސަތާރަ އަހަރުން ދަށުގެ މިކްސް ޑަބަލްސް ފައިނަލުން ޖާގަ ހޯދީ ހުސައިން އާދު އާސިމް އާއި މަލާކް ބިންތް މުއިއްޒުގެ ޕެއާ އާއި އަހުޔާރު އަހުމަދު ހާލިދު އާއި ދީމާގެ ޕެެއާ އެވެ. ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުން ޖާގަ ހޯދީ މޫސާ މުންސިފް އަހުމަދު އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އާއި މުހައްމަދު ޝައްފާން އިސްމާއިލް އާއި ދީމާގެ ޕެއާ އެވެ. ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން އައިޝަތު ރަފާ ނާޒިމް އާއި ޒާރާ ހަސަން ލަތީފްގެ ޕެއާ ހޯދީ ފައިނަލުގައި ދީމާ އާއި ފާތިމަތު ޖުމާނާ ނިމާލް އަތުން މޮޅުވެގެންނެވެ.
ޖުމްލަ 65 ކުޅުންތެރިންނާއެކު މި މުބާރާތް ކުރިޔަށްދަނީ މި މަހުގެ 25 އިން 30 ގެ ނިޔަލަށެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދަނީ ތިން ކެޓަގަރީ އަކަށް ބަހާލައިގެންނެވެ. އެއީ 13 އަހަރުން ދަށް، 17 އަހަރުން ދަށް އަދި ފުރަތަމަ ޑިވިޝަނެވެ.