ވާރލްޑް ކަޕް ފުޓްބޯޅަ މުބާރާތަށްފަހު ވޭލްސްގެ އާރޮން ރަމްސީ އޭނާ ކުޅެމުންދާ ފްރެންޗް ލީގުގެ ނީސް އާއި އަދި ގުޅިފައިނުވާކަމަށް އެޓީމްގެ ކޯޗް ލޫސިއެން ފާވް ހާމަކޮށްފިއެވެ.
ފާވް ހާމަކުރިގޮތުގައި ވާރލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ވޭލްސް މުބާރާތަށް އަލްވަދައު ކިޔަންޖެހުނު ޖެހުން ރަންސީއަށް އެންމެ ރަނގަޅަށް ނެގިފައިނުވާކަމަށެވެ. ފާވް ހާމަކުރިގޮތުގައި ރަމްސީ ޓީމާއި ގުޅުން ލަސްވަނީ މުޅިން ރިކަވަރ ވެގެން ޓީމާ ގުޅުމަށްޓަކައި ކަމަށެވެ. ފާވް ހާމަކުރިގޮތުގައި ރަމްސީ ހުރީ ވޭލްސްއަށް ވާރލްޑް ކަޕްގައި ހޯދުނު ނަތީޖާ ތަކާމެދު ވަރަށް ބޮޑަށް ދެރަވެފައެވެ.
ވާރލްޑް ކަޕްގައި ލޭވްސް ކުޅުނު ތިން މެޗްގައިވެސް ކުޅުނު ރަމްސީ ނޮވެމްބަރ މަހުގެ 29 ވަނަ ދުވަހު އިންގްލަންޑް އަތުން ބަލިވި ފަހުން އަދި ކުޅުމުގެ ތެރެއަށް އައިސްފައެއް ނުވެއެވެ. ވޭލްސް މިފަހަރު ވާރލްޑް ކަޕް ނިންމާލީ ގްރޫޕް ބީގައި އެމެރިކާ އާއި ފުރަތަމަ މެޗްގައި އެއްވަރުވެ އީރާނާއި އިންގްލަންޑް އަތުން ބަލިވެ ގްރޫޕްގެ އެންމެ ފުލުގައި އޮވެގެންނެވެ.
މި ސީޒަންގައި ނީސް އާއި ގުޅުނު ރަމްސީއަކީ އެޓިމްގައި ގަވައިދުން ކުޅެމުން އަންނަ ކުޅުންތެރިއެކެވެ. އެހެން ނަމަވެސް މާދަމާ ރޭ ލީގް އާންގެ ކުޅުން ފަށާއިރު ނީސް ކުޅޭ ފުރަތަމަ މެޗްގައި އޭނާ ނުފެންނާނެކަން މިހާރުވަނީ ކަށަވަރުވެފައެވެ.
ވާރލްޑް ކަޕްގައި ވާދަކުރި ގިނަ ކުޅުންތެރިން މިހާރުވަނީ އެ ކުޅުންތެރިން ނިސްބަތްވާ ކްލަބް ތަކާއި ގުޅިފައެވެ. މިގޮތުން ފައިނަލްގައި ކުޅުނު ފަރަންސޭސިވިލާތުގެ ޓީމްގެ ކުޅުންތެރިންވެސް މިހާރުވަނީ ޓީމްތަކާއެކު ފަރިތަކުރުންތައް ފަށާފައެވެ. ހަމައެކަނި މިވަގުތު ޓީމްތަކާއި ނުގުޅި ތިބިކަމަށް ހަބަރު ލިބިފައިވަނީ ޗެމްޕިއަން އާޖެންޓީނާގެ ކުޅުންތެރިންނެވެ. އެ ކުޅުންތެރިންވެސް އަންނަ ހަފްތާގައި އެކުޅުންތެރިންގެ ޓީމާތަކާއި ގުޅޭނެކަން އެ ކްލަބްތަކުން އަންނަނީ ހާމަކުރަމުންނެވެ.