ކުޅިވަރު

އެޑަމް އާއި ކުޑަކާއްޓޭ ސެމީއަށް، ޝަމާއިލް އާއި ކޯކޭއަށް އިންތިޒާރެއް


ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއާ ކުޅުނު ދެ މެޗުން މޮޅުވެ، ސެމީ ފައިނަލަށް ދަތުރުކުރިއިރު، ރާއްޖެއިން ވާދަކުރާ ދެވަނަ ޕެއާ ޝަމާއިލް ހުސެއިން އާއި އަޙްމަދު މުޙައްމަދު (ކޯކޭ)ގެ ޕެއާ ސެމީ ފައިނަލަށް ދަތުރުކުރަން ގްރޫޕްގެ ފަހު މެޗުން މޮޅުވާން މަޖުބޫރުވެއްޖެއެވެ.

ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެގެންނެވެ. އެ ޓީމަށް ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އެބައޮތެވެ.

ބުދަ ދުވަހު ހެނދުނު ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކިރްގިސްތާނުގެ މެޑެޓްބެކް އޫލާ އާއި ޒީންބެކް އޫލާގެ ޕެއާގެ މައްޗަށް ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ކުރިހޯދީ ސީދާ ދެ ސެޓުންނެވެ.

މި މެޗުގެ ސެޓުތައް ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ކާމިޔާބުކުރީ 21-12 އަދި 21-12 އިންނެވެ.

ދެވަނަ މެޗުގައި މެންދުރުފަހު ނުކުތީ ބޫޓާންގެ ޑޯޖީ އާއި ޖިގްމޭގެ ޕެއާއާ ދެކޮޅަށެވެ. މި މެޗުވެސް ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ.

މި މެޗުގެ ސެޓުތައް ދިޔައީ 21-09 އަދި 21-09 އިންނެވެ.

ގްރޫޕްގެ ފަހު މެޗުގައި ބުރާސްފަތި ދުވަހު ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ނުކުންނާނީ ބަންގްލަދޭޝްގެ މޮންސޫރާއި ހައިދަރުގެ ޕެއާއާ ދެކޮަޅަށެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ދެވަނަ ޕެއާ، ޝަމާއިލް އާއި ކޯކޭގެ ޕެއާއިން ވަނީ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ނޫރު ނަބީ އާއި ޝައިފުއްދީންގެ ޕެއާގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދާފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ، 21-09 އަދި 21-12 އިންނެވެ. އެކަމަކު ދެވަނަ މެޗުގައި ނޭޕާލްގެ ސުނަރު އާއި މަން ބަހާދުރުގެ ޕެއާ އަތުން 2-1 ސެޓުން ވަނީ ބަލިވެފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-17، 21-14 އަދި 15-09 އިންނެވެ.

އެކަމަކު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބަންގްލަދޭޝްގެ ބިސްވާސް އާއި ޕަވެލްގެ ޕެއާ ބަލިކޮށްފިނަމަ ޝަމާއިލް އާއި ކޯކޭގެ ޕެއާއަށްވެސް ސެމީން ޖާގަ ލިބޭނެއެވެ.