ދުނިޔޭގެ ވިޔަފާރި

ވިއެޓްނާމުގެ އިޤްތިޞާދީ ދުވެލި ހަލުއިވެއްޖެ


ވިއެޓްނާމުގެ މިއަހަރުގެ އިޤްތިޞާދީ ދުވެލި %8.02 އަށް ހަލުއިވެއްޖެ ކަމަށް އެ ޤައުމުގެ ޖެނެރަލް ސްޓެޓިސްޓިކްސް އޮފީސް، ޖީއެސްއޯ އިން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.

މިއީ އެތެރޭގެ ރީޓެއިލް ސޭލްސްއާއި، އެކްސްޕޯޓު އިތުރުވުމުގެ ސަބަބުން 1997 ވަނަ އަހަރަށްފަހު ވިއެޓްނާމްގެ އިޤްތިޞާދީ ދުވެލި މިހާ އަވަސް ދުވެއްޔެއްގައި ހަލުއިވި ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ހީނަރުކަމުގެ އަސަރު އެ ޤައުމުގެ އިޤްތިޞާދަށްވެސް އަންނަނީ ކުރަމުންނެވެ.

ވިއެޓްނާމުގެ އިޤްތިޞާދީ ދުވެލި %8.02 އަށް ހަލުއި ވެފައިވާވާއިރު، މިއީ ވިއެޓްނާމް ސަރުކާރުން އަމާޒު ހިފާފައިވާ %6.5 -6.0 އަށް ވުރެ މަތީ އަދަދެކެވެ. ކޯވިޑުގެ ބަލިމަޑުކަމާއި ހެދި ފުރަބަންދުކުރުމުގެ ސަބަބުން އިޤްތިޞާދަށް ދަތިތަކެއް ކުރިމަތިވެ، ފެކްޓްރީގެ ހަރަކާތްތަކަށް އަސަރުކޮށް މިދިޔަ އަހަރު ވިއެޓްނާމުގެ އިޤްތިޞާދީ ދުވެލި ހަލުއިވެފައި ވަނީ އެންމެ %2.68 އަށެވެ.

އެ ޤައުމުގެ އިޤްޞާދީ ދުވެލި ހަލުއިވެފައި މިވަނީ ދުނިޔޭގެ އިޤްތިޞާދު ރިސެޝަނަކާއި ދިމާއަށް މިސްރާބު ޖަހައި ބައިނަލްއަޤްވާމީ ބޮޑެތި ބްރޭންޑްތަކަށް ޓެކްސްޓައިލްސް، ފައިވާން އަދި އިލެކްޓްރޯނިކްސް ފަދަ މުދާ އުފައްދާ މުހިއްމު އެއް ޤައުމު ކަމަށްވާ ވިއެޓްނާމުން އެކްސްޕޯޓް ކުރުމަށް ކުރާ ޑިމާންޑަށް އަސަރު ކުރާނެކަމުގެ ބިރު ހީވެފައި އޮތް ދަނޑިވަޅެއްގައެވެ.

"ދުނިޔޭގެ އިޤްތިޞާދީ އަދި ސިޔާސީ ޔަޤީންކަން ނެތް ގޮންޖެހުންތަކުގެ ތެރޭގައި އިޤްތިޞާދީ ދުވެލި ހަލުއި ވުމަކީ ފާހަގަކުރަންޖެހޭ ކަމެއް" ޖެނެރަލް ޖީއެސްއޯ އިން ނެރުނު ރިޕޯޓެއްގައިވެއެވެ.

ވިއެޓްނާމުގެ ސިނާއީ އަދި އިމާރާތްކުރުމުގެ ދާއިރާ މިއަހަރު %7.78 އަށް ކުރިއަރާފައިވާއިރު، ޚިދުމަތުގެ ދާއިރާ ވަނީ %9.99 އަށް ކުރިއަރާފައެވެ. އަދި ދަނޑުވެރިކަމުގެ ދާއިރާ %3.36 އަށް ކުރިއަރާފައިވާ ކަމަށްވެސް ޖީއެސްއޯގެ ރިޕޯޓުގައިވެއެވެ.

މި އަހަރު އެކްސްޕޯޓް ކުރި މިންވަރު %10.6 އިތުރުވެ 371.85 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، ރީޓެއިލް ވިޔަފާރި ވަނީ %19.8 އަށް އިތުރުވެފައި ކަމަށް ޖީއެސްއޯ އިން ބުނެއެވެ. އަދި މި ހިނގާ ޑިސެމްބަރު މަހު ކޮންސިއުމަރ އަގުތައް މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު %4.55 އަށް އިތުރުވެފައިވާ ކަމަށްވެސް ޖީއެސްއޯގެ ރިޕޯޓުގައިވެއެވެ.

ދުވަސްގަނޑަކަށްފަހު ވިއެޓްނާމުގެ އިޤްތިޞާދީ ދުވެލި މިއަހަރު ހަލުއި ވެފައިވީ ނަމަވެސް ދުނިޔޭގެ އިޤްތިޞާދަށް ކުރާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި އިޤްތިޞާދީ ގޮތުން ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް މާހިރުން ވިދާޅުވެއެވެ.

ޑިސެމްބަރު މަހު އެކްސްޕޯޓް ކުރި މިންވަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 14% އަށް ދަށްވެ 29.66 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، އިމްޕޯޓް ވަނީ %8.1 ދަށްވެ 29.16 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. އިމްޕޯޓް ދަށްވުމަކީ ކުރިއަށް އޮތްތަނުގައި ސިނާއީ އުފެއްދުންތެރިކަން ދަށްވާނެ ކަމުގެ އިޝާރާތަކަށް ވެދާނެ ކަމަށާއި ސަބަބަކީ ކުންފުނިތަކުން އުފެއްދުމަށް ބޭނުންކުރާ ތަކެއްޗާއި ސާމާނު ގަތުން މަދުވުމެވެ.

4 ވަނަ ކުއާޓަރުގައި ވިއެޓްނާމުގެ ޖީޑީޕީގެ ކުރިއެރުން %5.92 އަށް އަށް އަރާފައިވާއިރު، 3 ވަނަ ކުއާޓަރުގައި %13.71 އަށް ޖީޑީޕީ ކުރިއެރުން ދަށްވެފައިވާ ކަމަށް ޖީއެސްއޯއިން ބުނެއެވެ.

ވިއެޓްނާމްގެ އިޤްތިޞާދީ ދުވެލި ހަލުއިކޮށްދޭ މުހިންމު އެއް އަސާސް ކަމަށްވާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް، އެފްޑީއައި މިއަހަރު %13.5 އަށް އިތުރުވެ 22.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެއެވެ. އަންނަ އަހަރުގެ ޖީޑީޕީ %6.5 އަށް ކުރިއަރުވައި އިންފްލޭޝަން %4.5 އަށް ދަށްކުރުމަށް ވިއެޓްނާމުން ވަނީ އަމާޒު ހިފާފައެވެ.