ޚަބަރު

ހިންނަވަރު ބަނދަރުގެ އެއްގަމު ތޮށްޓާއި، ބޭރު ތޮށީގެ މަސައްކަތް ނިންމާލައިފި


ޅ. ހިންނަވަރު ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށްޓާއި، ބޭރު ތޮށީގެ މަސައްކަތް ނިމިފައިވާކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވެއްޖެއެވެ.

ހިންނަވަރު ބަނދަރުގެ ޖާގަބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 10 ނޮވެމްބަރު 2020 ގައެވެ.

ހިންނަވަރަކީ ފާދިއްޕޮޅުގެ އިޤްތިޞާދީ ކުރިއެރުމާ ގުޅިފައިވާ އަތޮޅުގެ މުހިންމު ރަށެކެވެ. އަތޮޅުގައި އެރަށް އޮންނަ ސަރަޙައްދަކީ ވިޔަފާރީގެ ބާރަކަށް ހެދުމަށް އޮތް ހުރަހަކީ ލަފާފުރުމުގެ ދަތިކަމެވެ. ހިންނަވަރުގެ އުތުރުގައި މީގެކުރިން ބޭނުންކުރަމުން އައީ އެންމެއިހުގެ ޑިޒައިނަކަށް ހަދާފައިވާ ބަނދަރެކެވެ. މިބަނދަރުގެ ބައެއްވެއްޓި ބޭނުންނުކުރެވޭވަރަށް ބަނދަރު ހަލާކުވުމާގުޅިގެން މިބަނދަރާ ގުޅުވައި ބަނދަރު ބޮޑުކޮށް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

މި މަޝްރޫޢުގެ ތެރެއިން ބަނދަރުގެ ހަލާކުވެފައި އޮތް ބައިގެ މަސައްކަތް ނިންމާ، ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި ބޭރުތޮށީގެ މަސައްކަތާއި، ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ. މުޅި މަޝްރޫޢުގެ މަސައްކަތް ގޮސްފައިވާ ހިސާބަށް ބަލާއިރު %66 މަސައްކަތް ނިމިފައިވާކަމަށް އެމް.ޓީ.ސީ.ސީން ވިދާޅުވެއެވެ.

ހިންނަވަރުގައި ތަރައްޤީކުރާ އައު ބަނދަރަކީ 162 މީޓަރު ދިގު 47 މީޓަރުގެ ފުޅާ ބަނދަރެކެވެ. މިބަނދަރުގެ މަސައްކަތުގެ ތެރޭގައި 65،170.76 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުން ކުރުން ހިމެނެއެވެ. މީގެ އިތުރުން 421 މީޓަރު އެއްގަމު ތޮށްޓެއް ލުމާއި 123.9 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުމާއި 140.55 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ހިމެނެއެވެ.

ހިންނަވަރަކީ ކޮންމެވެސްވަރަކަށް މަސްވެރި އުޅަނދުތައް އޮންނަ ރަށެކެވެ. އަދި ރަށުގައި އަމިއްލަ ފަރާތްތަކުގެ ލޯންޗާއި ދޯނި ގިނަ ޢަދަދަކަށް ހުންނައިރު މިރަށަކީ ވިޔަފާރި ބޯޓުތައް ގިނަ ޢަދަދަކަށް އަންނަ ރަށެއްކަން ހިންނަވަރު ކައުންސިލުން ފާހަގަކުރައްވައެވެ. އަދި ބަނދަރު ހަލާކުވުމާގުޅިގެން ގިނަ ދަތިތަކެއް ވިޔަފާރިވެރިންނާއި ޢާއްމު ރައްޔިތުން އުފުލަންޖެހިފައިވާ ކަމަށް ހިންނަވަރު ކައުންސިލުން ވިދާޅުވެއެވެ.

އެހެންކަމުން ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢާއެކު، ލަފާފުރުމަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ލުޔެއް ލިބި، އިޤްތިޞާދީގޮތުން އިތުރު ކުރިއެރުންތަކެއް ރަށަށް ގެނުވާނެކަމަށް ހިންނަވަރު ކައުންސިލުން ވިދާޅުވެއެވެ.