ޗައިނާގައި މިހާރު ފެތުރެމުންދާ ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި ދުނިޔޭގެ އިޤްތިޞާދު ހީނަރުވަމުން ދިއުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަންނަ އަހަރު އުފުލޭނެ ކަމަށް ރޮއިޓަރސް ނޫހުން ކުރި ދިރާސާއަކުން ދައްކައިފިއެވެ.
ހުކުރު ދުވަހު އާންމުކޮށްފައިވާ މި ދިރާސާއަކީ 30 އިޤްތިޞާދީ މާހިރުންނާއި ދިރާސާ ކުރާ ފަރާތްތަކުން ބައިވެރިވެގެން ކޮށްފައިވާ ދިރާސާއެކެވެ. ދިރާސާއިން ލަފާކޮށްފައިވާ ގޮތުގައި އަންނަ އަހަރު ބްރެންޓް ކްރޫޑް ފީފާއެއް އެވްރެޖްކޮށް ޖެހޭނީ 89.37 އެމެރިކާ ޑޮލަރަށެވެ.
މިއީ ނޮވެމްބަރު މަހުގެ ދިރާސާއެއްގައި އިއްތިފާގުވި 93.65 އެމެރިކާ ޑޮލަރަށް ވުރެ ގާތްގަނޑަކަށް 4.6% އަށް ވުރެ ދަށް އަދަދެކެވެ. ދުނިޔޭގެ ބެންޗްމާކްގައި މި އަހަރު އެވްރެޖްކޮށް ފީފާއަކަށް ޖެހިފައި ވަނީ 99 އެމެރިކާ ޑޮލަރެވެ.
އެމެރިކާގެ ކްރޫޑް ފީފާއެއް އަންނަ އަހަރު އެވްރެޖްކޮށް 84.84 އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ދިރާސާއިން ލަފާކޮށްފައިވާއިރު، އޭގެ ކުރީ މަހުގެ އެއްބަސްވުމުގައި އޮތީ 87.80 ޑޮލަރެވެ.
"އަޅުގަނޑުމެން ލަފާކުރާ ގޮތުގައި އަންނަ އަހަރުގެ ކުރީކޮޅު ދުނިޔެ ރިސެޝަނަށް ވެއްޓޭނީ އިންފްލޭޝަން މަތިވުމާއި އިންޓަރެސްޓް ރޭޓް މަތިވުމުގެ ސަބަބުން" ކެޕިޓަލް އިކޮނޮމިކްސްގެ އެސިސްޓެންޓް އިކޮނޮމިސްޓް ބްރެޑްލީ ސަންޑަސް ވިދާޅުވިއެވެ.
ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ބްރެންޓް ތެޔޮ ފީފާއެއްގެ އަގު %15 އަށްވުރެ ބޮޑަށް ވަނީ ދަށްވެފައެވެ. އަދި ޗައިނާގައި ކޯވިޑު ކޭސްތައް އިތުރުވުމުން ދުނިޔޭގެ އެންމެ ބޮޑު ސާފުނުކުރާ ތެޔޮ އެތެރެކުރާ ގައުމު ކަމަށްވާ، ޗައިނާގައި ތެލުގެ ޑިމާންޑް އިތުރުވުމުގެ ފުރުޞަތު ވަނީ ދަށްވެފައެވެ. ކޯވިޑު ކޭސްތައް އިތުރުވުމުގެ ސަބަބުން ހުކުރު ދުވަހު ތެޔޮ ފީފާއެއް ވިއްކީ ގާތްގަނޑަކަށް 84 އެމެރިކާ ޑޮލަރަށެވެ.
އޯއެންޑީއޭގެ ސީނިއަރ އެނަލިސްޓެއް ކަމަށްވާ އެޑްވާޑް މޮޔާ ވިދާޅުވި ގޮތުގައި ރިސެޝަންގެ ބިރު ބޮޑުވަމުންދާތީ ދުނިޔޭގެ ޑިމާންޑްގެ ދަށްވެފައި އޮތް ނަމަވެސް ތެލުގެ ބާޒާރު އަދިވެސް އޮތީ ދަތިވެފައެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭނީ ޗައިނާއަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިރާސާ ކުރާ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތެލުގެ ޑިމާންޑް ވަރަށް ބޮޑަށް އިތުރުވާނެ ކަމަށާއި އެއީ ޗައިނާގައި ކޯވިޑް-19 ގެ ހުރަސްތަކަށް ލުއި ދިނުމާއި މަރުކަޒީ ބޭންކުތަކުން އިންޓަރެސްޓް ރޭޓު ދަށްކުރުމުގެ ސަބަބުންނެވެ. ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ ތެލަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ ދިރާސާ އިން ދައްކައެވެ.
ރަޝިއާ ޔުކްރެއިން ހަނގުރާމަ އާއި ގުޅިގެން ރަޝިއާއިން ތެޔޮ ގަންނަން ވަކި އަގެއް ކަނޑައަޅާފައިވާ ހުޅަނގުގެ ގައުމުތަކާއި ކުންފުނިތަކަށް އަންނަ ފެބްރުއަރީ މަހުން ފެށިގެން 5 މަސް ދުވަހުގެ މުއްދަތައް ތެޔޮ ފޯރުކޮށްދިނުން މަނާކުރާ ގަރާރެއްގައި ރަޝިއާއިން މި ހަފްތާގައި ސޮއިކޮށްފައެވެ.
ރަޝިޔާއިން ކަނޑުމަގުން ބޭރު ކުރާ ތެޔޮ ފީފާއަކަށް ދޭނެ އެންމެ މަތީ އަގަކީ 60 ޑޮލަރު ކަމަށް މި މަހު 5 އިން ފެށިގެން ކަނޑައެޅުމަށް ޖީ7ގެ ގައުމުތަކާއި ޔޫރަޕިއަން ޔޫނިއަން އީޔޫ އަދި އޮސްޓްރޭލިއާއިން މި މަހުގެ ކުރީ ކޮޅު ވަނީ އެއްބަސްވެފައެވެ. އެމެރިކާ، ކެނެޑާ، ޔޫރަޕް އިއްތިހާތު، ޖަޕާން، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިންވެސް ވަނީ ރަޝިއާގެ ތެލަށް އަގު ކަނޑައެޅައި ކޮންޓްރޯލު ކުރުމަށް އެއްބަސްވެފައެވެ.