ޚަބަރު

ހައިކޮމިޝަން ރޯކޮށްލަން ގޮވާލި އައްބާސްގެ ބަންދަށް އިތުރު 7 ދުވަސް


ބަދަލު ހިފުމުގެ ގޮތުން އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވާލި އައްބާސް އާދިލް ރިޒާގެ ބަންދުގެ މުއްދަތު ހަމަވުމުން އިތުރު 7 ދުވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފިއެވެ.

ފުލުހުންގެ އިދާރާއިން ތަހުޤީގުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އައްބާސް ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އައްބާސްގެ ބަންދުގެ މުއްދަތު މިމަހުގެ 30 ވަނަ ދުވަހަށް ހަމަވުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 7 ދުވަސް ދީފައެވެ.

އައްބާސް ހައްޔަރުކުރީ އާއްމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ތަކުރާރުކޮށް ޓްވީޓްކޮށް، އަމަން ގެއްލޭގޮތަށް ވާހަކަ ދައްކަމުންދާ މައްސަަލައިގައެވެ. އައްބާސް ވަނީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ޑރ ވަހީދު ވެރިކަމުގައި އައްބާސް އަދާކޮށްފައިވެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މެލޭޝިޔާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ސަރުކާރުގެ ޓްރޭޑް ރެޕްރެޒެންޓިވްގެ މަގާމުވެސް އޭނާ އަދާކޮށްފައިވެއެވެ.

އައްބާސް އާދިލްގެ ރިޒާގެ ނަމުގައި އޮންނަ އެކައުންޓަކުން ކުރި ޓްވީޓްގައި ބުނެފައިވަނީ ފެބްރުއަރީ 8 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށްކަމަށެވެ. ނަމަވެސް އެކަމުގެ ބަދަލު ހިފިފައި ނުވާތީ އެކަން އިންޑިއާ އެމްބަސީން ފަށަން ފެންނަކަމަށެވެ. އަދި މި ޓްވީޓްގައި އޭނާ ވަނީ އޭރުގެ ފޮޓޯތައްވެސް ހިމަނާފައެވެ.

އައްބާސްގެ މި ޓްވީޓާއި ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ އިންޒާރުދިން މައްސަލަ ސަރުކާރުން ސީރިއަސްކޮށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެކަމާ ގުޅިގެން ނަގަން ޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަމާ ގުޅޭ އިދާރާތަކުން ނަގާފައިވާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ އިންޒާރުތައް މެދުވެރިކޮށް ރާއްޖޭގައި އުޅޭ ޑިޕްލޮމެޓުން ނުރައްކަލަކަށް ހުށަހަޅައި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅުމަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަންވެސްވަނީ ސަރުކާރުންވަނީ އަރުވާފައެވެ.

އައްބާސްގެ މި އެކައުންޓުން މީގެކުރިން ވަނީ ފަނޑިޔާރުންނަށް ބިރު ދައްކާ ޓްވީޓެއްވެސް ކޮށްފައެވެ. އެފަހަރު އޭނާ އެ ޓްވީޓްކޮށްފައިވަނީ ކުރީގެ ރައީސް ޔާމީންގެ ގެކޮޅުގައި ހަރުކޮށްފައިހުރި އިންޑިއާ އައުޓް ބެނަރ ނެގުމުންނެވެ. އެ މައްސަލަ އޭރު ފުލުހުން ބަލަން ފެށިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް ފުލުހުން ފަހުން ހާމަކޮށްފައެއް ނުވެއެވެ.