ކުޅިވަރު

ސިޓީ އާއި އެވަޓަންގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އާއި އެވަޓަން ބައްދަލުކުރި މެޗް އެއްވަރުވެއްޖެ އެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީންނެވެ.

މި މެޗްގައި ސިޓީއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 24 ވަނަ މިނެޓްގައި ޖަހާދިނީ އަރލިންގ ހާލަންޑްއެވެ. މިއީ އޭނާ މިސީޒަންގައި ލީގުގައި ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. އަދި މި ލަނޑާއެކު އޭނާ ވެގެންގޮސްފައި ވަނީ އެންމެ އަވަހަށް ވިހި ލަނޑު ހަމަކުރި ކުޅުންތެރިޔާއަށެެވެ. މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތު ހޯދަން ސިޓީއިން މަސައްކަތް ކުރި ނަމަވެސް އެވަޓަންގެ ގިނަ ކުޅުންތެރިން ޑިފެންޑް ކުރަމުންދިއުމާއި ކުޅެމުންދިޔަ ވަރުގަދަ ކުޅުމުގެ ސަބަބުން ސިޓީގެ ކުޅުންތެރިންނަށް އެއްވެސް ހަމަލާއެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ.

މި މެޗްގައި އެވަޓަންއިން އެއްވަރުކުރި ލަނޑު މެޗްގެ 64 ވަނަ މިނެޓްގައި ޖަހާދިނީ ޑެމާރީ ގްރޭ އެވެ. މިއީ އޭނާ ސިޓީ ޕެނަލްޓީ އޭރިއާ ބޭރު ރޮނގު ކައިރީ ހުރެ ކާމިޔާބުކުރި ވަރަށް ރީތި ލަނޑެކެވެ. މި މެޗްގެ ދެވަނަ ހާފްވެސް ސިޓީއިން ވަރުގަދަކޮށް ފެށި ނަމަވެސް މިހާފްގައި ގިނަ ވަގުތުތަކަކަށް ކުޅުން މެދުކެނޑިގެން ދިއުމުގެ ސަބަބުން ސިޓީގެ ކުޅުމަށް އަސަރުކުރިކަން ފާހަގަވެގެންދިޔަ އެވެ.

މި މެޗް އެއްވަރުވުމުން ސިޓީ މިހާރު އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މި ނަތީޖާގެ ސަބަބުން ސިޓީއާއި އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެމެދުގައިވާ ފަރަގު މިހާރު ވަނީ ހަތް ޕޮއިންޓަށް އިތުރުވެގެން ގޮސްފައެވެ.