އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ވުލްވްސް ބައްދަލުކުރި މެޗް ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ.
ވުލްވްސްގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗް ޔުނައިޓެޑުން ފަށާފައިވަނީ މިވަގުތު އެންމެ ފޯމްގައި ހުރި ފޯވަޑް މާކަސް ރަޝްފަޑް އަހްލާގީ މައްސަލައަކާއި ހެދި މެންޗުގައި ބައިންދައިގެންނެވެ.
އޭނާގެ ބަދަލުގައި ރޭގެ މެޗްގައި ފުރަތަމަ އެގާރައިން ޖާގަ ހޯދި އާޖެންޓީނާގެ ޒުވާން ފޯވަޑް އަލެހަންދްރޯ ގަނާޗޯއަށް ވަނީ މެޗްގެ ލީޑު ނަގާދޭނެ ރަނގަޅު ފުރުސަތެއް މެޗްގެ ކުރީކޮޅު ލިބިގެން ގޮސްފައެވެ. ނަމަވެސް އެ ހަމަލާވަނީ ވުލްވްސްގެ ކީޕަރ ހޯސޭ ސާ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. މި މެޗްގައި ޔުނައިޓެޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ރަޝްފަޑްއެވެ.
މިއީ އޭނާ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ލީގުގައި ކާމިޔާބުކުރި 12 ވަނަ ލަނޑެވެ. މީގެއިތުރުން މެޗް ނިމެން ގާތްވެފައިވަނީކޮށް ރަޝްފަޑް ވަނީ އިތުރު ލަނޑެއްވެސް ކާމިޔާބުކޮށްފައެވެ. ނަމަވެސް އެ ބޯޅަ އޭނާގެ އަތުގައި ޖެހިފައި ގޯލްގެ ތެރެއަށް ވަދެފައިވުމުން ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ.
މި ކާމިޔާބީއާއެކު މިސީޒަންގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑަށް މިވަނީ ގަދަ ހަތަރު ޓީމްގެ ތެރެއިން ޖާގަ ލިބިގެން ގޮސްފައެވެ. ޔުނައިޓެޑް މިވަގުތު އޮތީ ކުޅުނު 16 މެޗުން ލިބިފައިވާ 32 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.
ނަމަވެސް މިރޭ ޓޮޓްނަމް ހޮޓްސްޕަރ ކުޅޭ މެޗުން އެޓީމް މޮޅު ވެއްޖެނަމަ އަނެއްކާވެސް ހަތަރު ވަނަ މަގާމަށް ސްޕަރސް އަރާނެއެވެ. މި މެޗުން ބަލިވުމުން ވުލްވްސް މިހާރު އުޅެނީ 13 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ.