ކުޅިވަރު

ބްރައިޓަން ބަލިކޮށް އާސެނަލަށް ހަތް ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއަރ ލީގުގެ ޕޮއިންޓް ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗް އާސެނަލް ކާމިޔާބުކޮށް ޕޮއިންޓް ތާވަލްގަައި އެޓީމަށް ލިބިފަ އޮތް ލީޑު ހަތް ޕޮއިންޓަށް ފުޅާކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކޮށްފައިވަނީ 4-2 ގެ ނަތީޖާއަކުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގައި ބްރައިޓަންއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އާސެނަލް އެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 2 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ އާސެނަލްއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ ކެޕްޓަން މާޓިން އޮޑެގާޑްއެވެ.

ދެވަނަ ހާފްގެ ކުޅުން ފެށިތާ ދެވަނަ މިނެޓްގައި އެޑީ ނިކެޓާ ޖަހާދިން ލަނޑުން އެޓީމްގެ ލީޑު އިތުރަށް ފުޅާވެގެންދިޔައެވެ. މިމެޗްގައި ބްރައިޓަންގެ ފުރަތަމަ ލަނޑު މެޗްގެ 65 ވަނަ މިނެޓްގައި ޖަހާދިނީ ކައޮރޫ މޮޓޯމާއެވެ. މިމެޗްގައި އާސެނަލްގެ ފަހު ލަނޑު މެޗްގެ 71 ވަނަ މިނެޓްގައި ޖަހާދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އަދި ނަމަވެސް ބްރައިޓަންއިން ވަނީ އޭގެ 6 މިނެޓްފަހުން ލަނޑެއް ޖަހާ ދެޓީމްގެ ދެމެދުގައި ފަރަގު 2 ލަނޑަށް ކުޑަކޮށްފައެވެ.

މި ކާމިޔާބީއާއެކު އާސެނަލްއަށް މިހާރުވަނީ ކުޅުނު 16 މެޗުން 43 ޕޮއިންޓް ލިބިފައެވެ. އަދި ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ރޭ ކުޅުނު މެޗުން އެއްވަރު ވުމުން އާސެނަލްއަށް ޕޮއިންޓް ތާވަލްގައި ލިބިފައިވި ލީޑު މިހާރުވަނީ ހަތް ޕޮއިންޓަށް އިތުރުވެގެން ގޮސްފައެވެ. މި ނާކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ 24 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައަށް ވެއްޓިފައެވެ.