ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ ސަރުކާރުގެ އޮފީސް އިމާރާތަށް ސަރުކާރުގެ އޮފީސްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި މިމަހުގެ 15 ވަނަ ދުވަހު އެތަން ހުޅުވުމަކީ އަމާޒެއްކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ސަރުކާރުގެ އޮފީސް އިމާރާތެއް ތަރައްގީކުރުމަށް މި ސަރުކާރުން ނިންމެވީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ބޮޑު ހޭދައެއްކޮށްގެން އަމިއްލަ ތަންތަން ވަކި މުއްދަތެއްނެތި ކުއްޔަށް ހިފައިގެން ހިންގަންޖެހޭތީ، އެކަމަށް ހައްލެއް ގެނައުމަށްޓަކައި ރައީސުލްޖުމްޙުރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް 2019 ވަނަ އަހަރު ނިންމެވި ނިންމެވުމުގެ މަތީންނެވެ.
6 ފަންގިފިލާއަށް އިމާރާތްކޮށްފައިވާ މި އޮފީސް އިމާރާތުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވީ އޮފީސް އިމާރާތުގެ މަސައްކަތް ނިންމާ މިހާރު އޮފީސްތަކުގެ ސެޓަޕް ހެދުމަށް އޮފީސްތަކަށް ހުޅުވާލާފައިވާކަމަށެވެ. އަދި އެ އިމާރާތަށް ބަދަލުވާ އޮފީސްތަކުން އެ މަސައްކަތް ފަށާފައިވާކަމަށާއި އަމާޒަކީ މިމަހުގެ 15 ވަނަ ދުވަހު އެތަން ހުޅުވުންކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޓްރީޓޮޕް ހޮސްޕިޓަލް ކައިރީގައި ތަރައްޤީކޮށްފައިވާ މި އޮފީސް ޢިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ޚާއްސަކޮށްފައި ވަނީ ޕާކިންގ ސަރަޙައްދެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އިމާރާތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ 2 ވަނަ ފަންގިފިލާއިން ފެށިގެން 5 ވަނަ ފަންގިފިލާއާއި ހަމައަށެވެ. އަދި އިމާރާތުގެ އެންމެ މަތި 6 ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ ކުދި މީޓިން ރޫމްތަކާއި، ސެމިނާ ރޫމެއްގެ އިތުރުން ޓެރަހަށެވެ.
# ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ - ޕާކިންގ އޭރިއާ
# 2 ވަނަ ފަންގިފިލާ - މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
# 3 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
# 4 ވަނަ ފަންގިފިލާ – އެމެރިކަން އެމްބަސީ
# 5 ވަނަ ފަންގިފިލާ – މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން
# 6 ވަނަ ފަންގިފިލާ – ކުދި މީޓިންގ ރޫމްތަކާއި ސެމިނާ ރޫމްއެއް އަދި ޓެރަސްއެއް
މި އޮފީސް އިމާރާތުގެ ކޮންމެ ފަންގިފިލާއެއްގައި 25،000 އަކަފޫޓުގެ ޖާގަ ހުންނާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. މިއީ ސަރުކާރުން 185 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކޮށްފައިވާ ތަނެކެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ސަރުކާރު އޮފީސްތަކުގެ އިމާރާތުގެ ދަތިކަން އެންމެ ބޮޑަށް ދިމާވީ ހުރަވީ ބިލްޑިންގ ބޭނުންނުކުރެވި، އެ އިމާރާތުގެ ތަންތަން ހަލާކުވެ އެތަނަކީ ބޭނުންކުރުމަށް ރައްކާތެރިތަނެއް ނޫންކަމަށް އިންޖިނިއަރުން ލަފާދީފައިވާތީ އެތަނުގައި ހުރި އޮފީސްތައް ހުސްކުރަން ޖެހުމުގެ ސަބަބުންކަމަށެވެ.