ކުޅިވަރު

ރާއްޖެއަށް ލިބުނު ރަން މެޑެއްޔާއެކު ކާވާގެ ރައީސަށް އުފާވެރި އިހުސާސެއް


މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ކުރިއަށްދިޔަ ކާވާ ބީޗް ވޮލީބޯލް ޓުއާގެ ރަން މެޑަލް ރާއްޖޭގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމާ)ގެ ޕެއާއިން ހޯދުމުން ލިބުނީ ބޮޑު އުފަލަކާއި ފަޚުރެއް ކަމަށް ކާވާގެ ރައީސް މުޙައްމަދު ލަތީފް (ލަތީބެ) ވިދާޅުވެއްޖެއެވެ.

ކާވާގެ ރައީސް އަދި ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަން ކޮށްފައިވާ ލަތީބެ ވިދާޅުވީ، ކާވާގެ މުބާރާތްތަކަކީ ރާއްޖެއަށް އައު މުބާރާތްތަކެއް ނޫން ކަމަށާއި، ރާއްޖޭގެ ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކާމިޔާބު ހޯދަން އޮތް އެންމެ ރަނގަޅު ޕްލެޓްފޯމަކީ ކާވާގެ މުބާރާތްތައް ކަމަށެވެ. އެހެންކަމުން ކާވާގެ މުބާރާތްތަކަށް ރަނގަޅަށް ތައްޔާރުވެގެން އައިސްފިނަމަ މެޑައްޔާއެކު ނޫން ގޮތަކަށް ރާއްޖޭގެ ކުޅުންތެރިން މުބާރާތް ނިންމާނުލާނެ ކަމަށް ލަތީބެ ވިދާޅުވިއެވެ.

ލަތީބެ ވިދާޅުވީ، ރާއްޖެއިން ވަނީ މީގެ ކުރިންވެސް ކާވާގެ މުބާރާތްތަކުގައި ބޮޑެތި ގައުމުތައް މައްޗަށް ކުރިހޯދާ މެޑަލް ހޯދާފައި ކަމަށެވެ. އެހެންނަމަވެސް މެޑައްޔާ ހިސާބަށް ދިޔުމަށް ރަނގަޅު ޕްލޭނަކާއެކު ފަރިތަކުރުން އެއީ މުހިންމު ކަމެއް ކަމަށް ލަތީބެ ވިދާޅުވިއެވެ.

ލަތީބެ ވިދާޅުވީ، ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއިން ހޯދި ކާމިޔާބީއިން ދައްކައިދެނީ ރާއްޖޭގެ ކުޅުންތެރިންނަކީ ރަން މެޑަލް ހޯދޭނެ ފެންވަރުގެ ކުޅުންތެރިން ކަމަށެވެ. އަދި އެ ވަގުތަކީ އެހެންކަހަލަ އިހުސާސެއް ކުރެވުނު ވަގުތެއް ކަމަށާއި، ކާވާގެ މުބާރާތެއްގައި ކާވާގެ ރައީސަކަށް ހުއްޓައި ދިވެހި ކުޅުންތެރިން ކާމިޔާބު ހޯދުމުން އެކަމާ ވަރަށް ބޮޑަށް އުފާވެފައި ހުރިކަމަށް ލަތީބެ ވިދާޅުވިއެވެ.

ކުޑަކާއްޓޭ އާއި އެޑަމާ ޕެއާއިން ބަންގްލަދޭޝްގައި ކުރިއަށްދިޔަ ކާވާ ބީޗްވޮލީބޯލް ޕްރޯ މުބާރާތް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ ސައްތައިން ސައްތަ ރިކޯޑަކާއެކުގައެވެ. މި މުބާރާތުގައި ކުޅުނު މެޗުތަކުން ކުޑަކާއްޓޭ އާއި އެޑަމާގެ ޕެއާއަށް ސެޓެއްވެސް ގެންލިފައިނުވެއެވެ. އަދި މިއީ ވޮލީބޯޅައިގައި ރާއްޖެއަށް ލިބުނު ފުރަތަމަ ރަންމެޑަލްވެސްމެއެވެ.