ޅ.ނައިފަރުގެ އަމިއްލަ ޖަމިއްޔާ އެއް ކަމަށްވާ ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ނައިފަރު އޯޕަން ބެޑްމިންޓަން މުބާރާތް މި އަހަރު ވަރަށް ފޯރިގަދަކަމަށް އިންތިޒާމްކުރާ ފަރާތުން މައުލޫމާތު ދީފިއެވެ.
ބެޑްމިންޓަން އެކަޑަމީ އޮފް ނައިފަރު ޖަމިއްޔާގެ ފަރާތުން ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތުދެމުން ހުސެއިން ރަޝީދު ބުނީ މުބާރާތުގައި މިހާރު ކުރިޔަށްދަނީ ނޮކައުޓް ބުރުގެ މެޗުތައް ކަމަށާއި މުބާރާތުގައި މިއަދު ކުރިޔަށްދާނީ ކުއާޓާފައިނަލުގެ ކުޅުން ކަމަށެވެ.
މުބާރާތް ކުރިޔަށްދަނީ ކިޑްސް ޑްރޯ އާއި މެއިން ޑްރޯ ހިމަނައިގެންނެވެ. ކިޑްސް ޑްރޯ ހާއްސަކުރެވިފައި ވަނީ 10 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށް އަދި 17 އަހަރުން ދަށެވެ.
މުބާރާތުގެ 10 އަހަރުން ދަށުގެ ކުޅުން ކުރިޔަށްދަނީ އޯޕަން ކެޓަގަރީގެ އިތުން ސިންގަލްސް ކެޓަގަރީ ހިމަނައިގެން.ނެވެ. ކިޑްސް ޑްރޯގައި ދެން އޮތް ތިން އުމުރުފުރާގައި ކުރިޔަށްދަނީ ސިންގަލްސް އަދި ޑަބަލްސް އިވެންޓެވެ. މުބާރާތުގެ މެއިން ޑްރޯގައި ވަނީ ދެ ޑިވިޝަނަކަށް ބަހާލާފައެވެ.
ޑިވޝަން އޭ ހާއްސަ ކުރެވިފަވަނީ އާއްމުކޮށް ބެޑްމިންޓަން ކުޅޭ ކުޅުންތެރިންނަށް ހުޅުވާލައިގެންނެވެ. ޑިވިޝަން ބީ ހާއްސަ ކުރެވިފައި ވަނީ ބެޑްމިންޓަން ކުޅެން އަލަށް ފަށައިގަންނަ ބޮޑެތި މީހުންނަށެވެ.
މުބާރާތުގެ މި ދެ ކެޓަގަރީގައި ސިންގަލްސްގެ އިތުރުން ޑަބަލްސް އަދި މިކްސް ޑަބަލްސް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 120 ކުޅުންތެރިން ވާދަކުރާ މުބާރާތުގެ ކުޅުން ކުރިޔަށްދާނީ އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ. ބުރާސްފަތި ދުވަހުގެ ނިޔަލަށް މުބާރާތުގެ ކިޑްސް އިވެންޓުތައް ކުރިޔަށްދާނެއެވެ.