ޚަބަރު

ފަޅުތެރެއިން 15 ފީފާގެ ކަޅުތެޔޮ ނަގައިފި


މާލޭ ޢިއްޒުއްދީން ފާލަން ކައިރިން މޫދަށް އެޅިފައިވާ ކަޅުތެޔޮތައް ނަގާ ސާފުކޮށް ނިންމާލައިފިއެވެ.

ޢިއްޒުއްދީން ފާލަން ނުވަތަ މާލޭ ރަސްމީ ފާލަމާއި 3 ނަންބަރު ޖެޓީއާއި ދެމެދު ގިނަ އަދަދެއްގެ ކަޅުތެޔޮ އެޅިފައި ހުރިކަމުގެ މަޢުލޫމާތު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ، އެމް.އާރް.ސީ.ސީއަށް ލިބުމާގުޅިގެން އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކުރަންފެށިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ އެމްއެންޑީއެފް ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ރަސްމީ ފާލަމާ ދިމާލު ފަޅުތެރެއަށް އެޅިފައިވާ ކަޅު ތެޔޮ ނެގުމުގެ މަސައްކަތް މިއަދު މެންދުރު 13:35 ހާއިރު ނިންމާފައިވާކަމަށެވެ. އަދި އެ ސަރަޙައްދުން 15 ފީފާގެ ތެޔޮ ނަގާފައިވާކަމަށެވެ.

ރަސްމީ ފާލަމާއި ދިމާލުން ފަޅުތެރެއަށް ގާތްގަނޑަކަށް 1000 ލީޓަރުގެ ކަޅުތެޔޮ އެޅިފައިވާ ކަމަށް ލަފާކުރެވޭކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މާލޭ ރަސްމީ ފާލަން ހިމެނޭ ސަރަހައްދަށް ގިނަ ޢަދަދެއްގެ ކަޅުތެޔޮ އެޅެން މެދުވެރިވި ސަބަބެއް ކަމާބެހޭ ފަރާތްތަކުން މިހާތަނަށް ހާމަކުރައްވާފައެއްނުވެއެވެ. މިކަމާގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިންވެސް ވިދާޅުވެފައިވަނީ ތެޔޮއެޅިފައިވަނީ ކިހިނެއްތޯ ބެލުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.