ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރުމަކީ ހީކުރާހާ ފަސޭހަކަމެއް ނޫން ކަމަށާއި އެއީ އުނދަގޫ އަދި ގޮންޖެހުން ބޮޑު މަސައްކަތެއް ކަމަށް ގައުމީ ޓީމުގެ ކޯޗުގެ އިޓަލީގެ ފްރެންޗެސްކޯ މޮރިއޭރޯ ބުނެފި އެވެ.
އުމުރުން 53 އަހަރުގެ މޮރިއޭރޯ މިހެން ބުނެފައިވަނީ އެ ގައުމުގެ ނޫހެއް ކަމަށްވާ "ލަ ރިޕަބްލިކާ" ނޫހަށް ދިން އިންޓަވިއުއެއްގައެވެ.
މޮރިއޭރޯ ވަނީ ދާދިފަހުން ޤައުމީ ޓީމުގެ އެއްބަސްވުން އިތުރު އެއް އަހަރަށް އާކޮށްފައެވެ. މީގެ ތިން މަސްކުރިން އެއްބަސްވުން އާކުރި ކޯޗު ވަނީ އިޓަލީގެ ނޫހުގައި ރާއްޖެއަށް ކޯޗުކަންކޮށްދިނުމުގައި ހުރި ގޮންޖެހުންތައް ފާހަގަކޮށްފައެވެ.
އެގޮތުން ބައެއް ކުޅުންތެރިންނަކީ ވަޒީފާއަށް ދާ ކުދިން ކަމަށާއި ގިނަ ކުދިން ފުޓުބޯޅަ ކުޅެނީ ޝައުގުވެރިކަމާއެކު އެކަމެއް ކުރާ ހިތުން ކަމަށެވެ. އަދި ފުޓްބޯޅައިގެ ނަޒަރުން ބަލާއިރު، އެހެންކަމެއްގައި އުޅެގެން ފުޓްބޯޅަ އަށް އެއްކޮށް ފޯކަސް ކުރަން ފަސޭހަނުވާނެ ކަމަށް މޮރިއޭރޯ ބުންޏެވެ.
ގައުމީ ޓީމުގެ ކޯޗުކަމާ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަވާލުވި މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖެ މިހާތަނަށް ކުޅުނު އެގާރަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފައެވެ. ހަތަރު މެޗު ވަނީ މޮޅުވެފައިވާއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.