ޔޫރަޕްގައި އޭނާ ކުރަންއޮތް މަސައްކަތް ނިމިއްޖެކަމުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާމަކޮށްފިއެވެ.
އޭނާ މިކަން ހާމަކޮށްފައިވަނީ ސައުދީ އަރަބިއާގެ އަލް ނަސްރުއަށް ސޮއިކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ފުރަތަމަ ބައްދަލުވުމުގައެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގެ މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލުމަށްފަހު ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރިނާލްޑޯ ހާމަކުރިގޮތުގައި އޭނާ އަލް ނަސްރަށް ސޮއިކުރީ އެހެން ކްލަބްތަކުން ފުރުސަތު ނުލިބިގެން ނޫން ކަމަށާއި އޭގެ ބަދަލުގައި އެ ކްލަބަށް އޭނާ ސޮއިކުރާނެކަމަށް ބުނެފައިއޮތުމުން އޭނާ ބުނި ބަހުގެ އިތުބާރު ހިފެހެއްޓުމުގެ ގޮތުންކަމަށެވެ.
އުމުރުން 37 އަހަރުގެ ރޮނާލްޑޯ ހާމަކުރުގޮތުގައި އޭނާ ހޯދުމަށް ބްރެޒިލް އާއި އޮސްޓްރޭލިއާ، އެމެރިކާ އަދި ޕޯޗުގަލްގެ ކްލަބްތަކުން ހުށަހެޅުއްތައް އައިކަމަށެވެ. ރޮނާލްޑޯ ހާމަކުރިގޮތުގައި ޔޫރަޕްގައި ކުޅެގެން އޭނާއަށް ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދުނު ކަމަށާއި އަދި ކުޅެވިފައިވަނީވެސް އެންމެ ފާހަގަކޮށްލެވޭ ކްލަބްތަކަށް ކަމަށެވެ. އެހެންކަމުން މިހާރު އޮތީ އޭޝިއާގައި އާ ޗެލެންޖަކާއި ކުރިމަތިލުން ކަމަށެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އަލް ނަސްރުން ރޮނާލްޑޯއަށް އަހަރެއްގެ މައްޗަށް 177 މިލިއަން ޕައުންޑްގެ މުސާރައެއް ދޭނެއެވެ. މިއީ ފުޓްބޯޅައިގެ ތާރީހްގައި ކުުޅުންތެރިއަކަށް މިހާތަނަށް ދޭ އެންމެ ބޮޑު މުސާރައެވެ. އޭނާ ވަނީ އެ ކްލަބްގައި 2025 ވަނަ އަހަރާއި ހަމައަށް މަޑުކުރުމަށް އެއްބަސްވެފައެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި ރޮނާލްޑޯ ކްލަބްގެ އޮފިޝަލެއް ކުރި ސުވާލުތަކަށް ޖަވާބު ދިން ނަމަވެސް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދީފައެއް ނުވެއެވެ.