ކުޅިވަރު

ޕެލޭގެ ޖަނާޒާ ބްރެޒިލުގެ ސަންތޯސްގައި ބާއްވައިފި


ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށްވާ ބްރެޒިލްގެ ޕެލޭގެ ޖަނާޒާ އެޤައުމުގެ ސަންތޯސްގައި ބާއްވައިފިއެވެ.

ޕެލޭގެ ސަންދޯއް ސަންތޯސްގެ މަގުތަކުން ގެއްދެވުނުއިރު އޭނާއަށް އެންމެފަހުގެ އިހްތިރާމް އަދާކުރުމަށް އެ ޤައުމުގެ ގިނަ އަދަދެއްގެ ބަޔަކު މަގުތަކަށް އެއްވެފައިވެއެވެ. ޕެލޭގެ ސަންދޯއް 24 ގަޑިއިރު ވަންދެން ވަނީ އޭނާ ކުރިން ކުޅުނު ކްލަބްތަކަމަށްވާ ސަންތޯސްގެ ސްޓޭޑިއަމް ކަމަށްވާ އަރބާނޯ ކެލްދެއިރާގެ ދަނޑު މެދުގައި ބެހެއްޓިފައެވެ.

މިގޮތުން އޭނާއަށް އިހްތިރާމް އަދާކުރުމަށް ގިނަ އަދަދެއްގެ އާންމުންނާއި ޤައުމުގެ ވެރިންގެ އިތުރުން ބޭރުގެ ފަރާތްތަކުން ސްޓޭޑިއަމްއަށް ޒިޔާރަތް ކޮށްފައިވެއެވެ. ތިން ފަހަރު ވާރލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ މަރުވެފައިވަނީ އުމުރުން 82 އަހަރުގައި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ބްރެޒިލް ސަރުކާރުން ވަނީ އޭނާ މަރުވުމާއެކު ޤައުމީ ހިތާމަފާޅުކުރުމުގެ ތިން ދުވަސް ކަނޑައަޅާފައެވެ.

ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ޑަ ސިލްވާވަނީ ޕްލޭއަށް އިހްތިރާމް އަދާކުރުމުގެ ގޮތުން ސަންތޯސްއަށް ވަޑައިގެންފައެވެ. ޕެލޭގެ ސަންދޯއް، ސަންތޯސްގެ މަގުތަކުން ގެންދެވުނީ އަލިފާން ނިންވާ ލޮރީއެއްގެ ފަހަތުގައި ވަރަށް އިއްޒަތުގައެވެ. އަދި ޕެލޭގެ 100 އަހަރުވީ މަންމަ ސެލެސްތޭ އަރަންތޭސް މިހާރުވެސް ދިރިއުޅެމުންދާ ގެ ކުރިމަތިން ސަންދޯއް ގެންގޮސްފައިވެއެވެ.

ސަންތޯސް އެފްސީން ހާމަކުރިގޮތުގައި ޕެލޭއަށް އިހްތިރާމް އަދާކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 230 ހާސް މީހުން އެކްލަބްގެ ސްޓޭޑިއަމްއަށް ގޮސްފައިވެއެވެ.