ދުނިޔޭގެ ވިޔަފާރި

ޕާކިސްތާނުގެ މޯލްތަކާއި މާކެޓްތައް ބަންދު ކުރާ ގަޑި އަވަސްކޮށްފި


ހަކަތަ ރައްކާކޮށް ކަރަންޓް ޚަރަދު ކުޑަ ކުރުމަށް ފިޔަވަޅުތަކެއް އަޅައި، ރޭގަނޑު 8:30 ގެ ކުރިން ހުރިހާ މޯލްތަކާއި މާރުކޭޓްތައް ބަންދުކުރަން ޕާކިސްތާނުގެ ސަރުކާރުން އަންގައިފިއެވެ. މިފިޔަވަޅު ސަރުކާރުން އެޅީ ގައުމު ހަލަބޮލިވެ، ޕާކިސްތާނު އިގްތިސާދީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައިވާ ދަނޑިވަޅެއްގައެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ މިހާރުން މިހާރަށް އަޅާނެ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރޭގަނޑު 10 ޖެހުމުގެ ކުރިން ރެސްޓޯރެންޓްތަކާއި ކައިވެނީގެ ހޯލްތައް ބަންދުކުރުން ހިމެނޭ ކަމަށެވެ. އޭނާ ވިދާޅުވީ މާރުކޭޓުގެ ބައެއް މަންދޫބުން ވަގުތު އިތުރު ކުރުމަށް ބާރު އެޅި ކަމަށާއި ނަމަވެސް ސަރުކާރުން ނިންމީ އެތަންތަން އަވަހަށް ބަންދުކުރަން ޖެހޭ ގޮތަށް ކަމަށެވެ.

ކެބިނެޓުން ފާސްކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ގާތްގަނޑަކަށް 273 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތްވާނެ ކަމަށް ބެލެވޭ ކަމަށް ޑިފެންސް މިނިސްޓަރު ހަވާޖާ އާސިފް ވިދާޅުވިއެވެ. ގައުމުގެ ބޭރު ފައިސާގެ ރިޒާވްގައި މިހާރު ހުރީ އެއް މަހުގެ އިމްޕޯޓަށް ބޭނުންވާހާ ފައިސާ އެވެ. އޭގެ ތެރެއިން ވެސް ތެޔޮ ގަންނާނެހާ ފައިސާއެވެ.

އާސިފް ވިދާޅުވީ ކަރަންޓް ބޭނުންކުރާ މިންވަރު %30 ކުޑަކުރުމަށް ސަރުކާރުގެ ހުރިހާ ޑިޕާޓްމަންޓަކަށް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އަންގަވާފައިވާ ކަމަށެވެ.

މީގެއިތުރުން ސަރުކާރުން ލަފާކުރާ ގޮތުގައި މި ފިޔަވަޅުތަކުގެ ސަބަބުން ހަކަތަ ސަލާމަތްވެ، އިމްޕޯޓް ކުރާ ތެލުގެ ޚަރަދުވެސް ކުޑަވާނެއެވެ. އިމްޕޯޓު ކުރާ ތެލަށް ޕާކިސްތާނުން މިހާރުވެސް އަންނަނީ އަހަރަކު 3 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރަމުންނެވެ. ޕާކިސްތާނުގައި ކަރަންޓުގެ ބޮޑު ބައެއް އުފައްދަނީ އިމްޕޯޓް ކުރާ ތެޔޮ ބޭނުންކޮށްގެންނެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ޕްރޮގްރާމެއްގެ ދަށުން ޕާކިސްތާނަށް އަންނާނެ ކަމަށް ބެލެވޭ ފައިސާ ލަސްވުމާއި ގުޅިގެން އެ ގައުމަށް ފައިސާގެ ދަތިކަމާއި ވަނީ ކުރިމަތިލާން ޖެހިފައެވެ.

މި ފިޔަވަޅުތައް އަޅަމުން ދަނީ އައިއެމްއެފްގެ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ލޯން ލިބުން ލަސްވުމާ ގުޅިގެން ޕާކިސްތާނު ޑިފޯލްޓްވެދާނެ ކަމުގެ ބިރު ކުރިމަތިވެ، އެކަމުން ސަލާމަތްވުމަށެވެ. ޕާކިސްތާނުގައި އައިއެމްއެފްއިން ކުރިއަށް ގެންދާ ރިވިއުއާ މެދު އިސްލާމްއާބާދުގައި ޚިޔާލު ތަފާތުވުންތައް އެބަހުއްޓެވެ. އެ ރިވިއު ނިންމަން އޮތީ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ޕާކިސްތާނުގެ ޖުމްލަ ލިކުއިޑް ބޭރު ފައިސާ އެކްސްޗޭންޖް ރިޒާވް މިދިޔަ މަހުގެ ފަހުކޮޅު ހުރީ 11.7 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. އޭގެ ތެރެއިން މަރުކަޒީ ބޭންކްގައި ހުރީ 5.8 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ މިދިޔަ އަހަރު ފެށުނު އިރު އެ ގައުމުގައި ހުރި ފޮރިން އެކްސްޗޭންޖް ރިޒާވްގެ ދެބައިކުޅަ އެއްބަ އެވެ.

ޕާކިސްތާނަށް މިދިޔަ އަހަރު ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި ލިބުނު ގެއްލުމުން އަރައިގަތުމަށް އެ ގައުމުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހާދިސާގައި ޕާކިސްތާނުގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ފެނުގެ އަޑިއަށް ދިޔަ އެވެ. އަދި އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކާއި މާލީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.