އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕަރ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރިމެޗް ސްޕަރސް ކާމިޔާބުކޮށްފިއެވެ.
މިމެޗް ސްޕަރސް ކާމިޔާބުކޮށްފައިވަނީ ރަށުން ބޭރުގައި 4-0 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސްޕަރސްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ޕެލަސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 48 ވަނަ މިނެޓްގައި ސްޕަރސްއަށް ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި އޭގެ ފަސް މިނެޓްފަހުން ކޭންވަނީ ސްޕަރސްގެ ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭނާ ސްޕަރސްއަށް ކާމިޔާބުކޮށްދިން 264 ވަަނަ ލަނޑެވެ. ސްޕަރސްގެ ލަނޑު ޖެހުމުގެ ރިކޯޑާއި އެއްވަރު ކުުރުމަށް ކޭންއަށް މިހާރު ބޭނުންވަނީ ދެ ލަނޑެވެ. މިމެޗްގައި ސްޕަރސްގެ ތިންވަނަ ލަނޑު މެޗްގެ 68 ވަނަ މިނެޓްގައި ޖަހާދިނީ މެޓް ޑޮހަރޓީއެވެ. އަދި މެޗްގެ 72 ވަނަ މިނެޓްގައި ސްޕަރސްގެ ފަހު ލަނޑު ޖަހާދިނީ ސޮން ހެއުންގ މިންއެވެ. މިއީ 11 މެޗަށްފަހު އޭނާ ލީގުގައި ލަނޑެއް ކާމިޔާބު ކުރެވުނު ފުރަތަމަ ފަހަރެވެ. މިމެޗްގައި ޕެލަސްއަށް ލަނދެއް ނުޖެހުނު ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އެޓީމަށް ލިބިގެން ގޮސްފައިވެއެވެ.
މިކާމިޔާބީއާއެކު ސްޕަރސް މިހާރު އުޅެނީ 18 މެޗުން ލިބިފައިވާ 33 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި ޕެލަސް އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.