އިޓާލިއަން ސެރީއާގެ އެންމެފަހުގެ ޗެމްޕިއަން އޭސީ މިލާނާއި ސަލެރްނިޓާނާ ބައްދަލުކުރިމެޗް މިލާނުން ކާމިޔާބުކޮށް ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީ އާއި ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
ސަލެރްނިޓާނާގެ ދަނޑުގައި ކުޅުނު މިމެޗް މިލާނުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ މިލާނުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 10 ވަނަ މިނެޓްގައި ޖަހާ ލީޑު ނަގާފައިވަނީ މިލާނުންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ރަފައެލް ލިއާއޯއެވެ. އަދި އޭގެ ފަސް މިނެޓްފަހުން މިލާނުންވަނީ އެޓީމްގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ސަންޑްރޯ ޓޮނާލީއެވެ. މިމެޗްގައި ސަލެރްނިޓާނާއިންވަނީ މެޗްގެ 83 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް އެޓީމަށް މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭގޮތެއްނުވިއެެވެ. މިލަނޑު އެޓީމަށް ޖަހާދނި ފެޑެރީކޯ ބޮނަޒޯލީއެވެ.
މެޗަށްފަހު ޓޮނާލީ ހާމަކުރިގޮތުގައި މިމެޗްގައި މިލާނުން ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އަދި އިތުރު ދެތިން ލަނޑުވެސް މިމެޗްގައި ޖެހުމުގެ ފުރަސަތު ލިބިގެން ދިޔަ ކަމަށެވެ. އަދި މިދިޔަ ސީޒަންގައި ހުރިހާ ކުޅުންތެރިން ލީގު ހޯދުމަށް ކުރި ބުރަ މަސައްކަތުގެ މުހިންމު ކަން ހުރިހާ ކުޅުންތެރިންވެސް ހަނދާން އެބަހުރި ކަމަށާއި މިސީޒަންގައިވެސް އެންމެ ފަހު ވަގުތާއި ޖެހެންދެން ލީގު ހޯދުމަށް މަސައްކަތް ކުރާނެކަމަށެވެ. މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 16 މެޗުން ލިބިފައިވާ 36 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި ތާވަލްގެ އެއްވަނައިގާ އުޅޭ ނަޕޯލީ ރޭ ބަލިވުމާއެކު ދެޓީމްގެ ދެމެދުގައިވާ ފަރަގު މިހާރުވަނީ ފަސް ޕޮއިންޓަށް ކުޑަވެގެން ގޮސްފައެވެ.