ކުޅިވަރު

ރަން މެޑެއްޔާއެކު ދުނިޔޭގެ ރޭންކިންގައި ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަށް ބޮޑު ކުރިއެރުމެއް


ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ އެއްވަނަ ޕެއާ ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާއަށް ދުނިޔޭގެ ބީޗްވޮލީބޯޅަ ރޭންކިންގައި ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ނިމުނު ކާވާ ސެންޓްރަލް ޒޯން ބީޗްވޮލީބޯޅަ ޓުއާގެ ރަން މެޑަލް ހޯދި ދެ ކުޅުންތެރިންނަށް އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް ލިބުނީ މިދިޔަ އަހަރު މި ޕެއާއިން ކުޅުނު މުބާރާތްތަކުގައި ދެއްކި މޮޅު ކުޅުމަށް ބަލައެވެ.

ސާކް ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ރޭންކިންގައި މިވަގުތު އޮތީ ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއެވެ. މި ދެ ކުޅުންތެރިންނަށް ވަނީ 744 ޕޮއިންޓް ލިބިފައެވެ. އަދި ދުނިޔޭގެ ރޭންކިންގައި މި ޕެއާ ރޭންކް ކުރެވިފައިވަނީ 218 ވަނައިގައެވެ.

މި އަހަރުގެ މުބާރާތްތަކަށް ކުޑަކާއްޓޭ އާއި އެޑަމް ނުކުންނައިރު، މި މުބާރާތްތަކުން ރަނގަޅު ކާމިޔާބީއެއް ހޯދައިފިނަމަ މި ސަރަހައްދުގެ އެއްވަނަ ސީޑު ލިބުމުގެ ފުރުސަތު ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާއަށް އެބައޮތެވެ.

މިދިޔަ އަހަރު ގައުމީ ޓީމުގައި ހިމެނިގެން މުބާރާތްތައް ކުޅުނު އަޙްމަދު މުޙައްމަދު (ކޯކޭ) އާއި މުޙައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އުޅެނީ 66 ދަރަޖައިގެ ކުރިއެރުމަކާއެކު ރޭންކިންގެ 458 ވަނައިގައެވެ، މި ދެ ކުޅުންތެރިންނަށް ވަނީ 364 ޕޮއިންޓް ލިބިފައެވެ.

ޑެސެމްބަރު މަހު ކުރިއަށްދިޔަ ކާވާ ސެންޓްރަލް ޒޯން ބީޗްވޮލީބޯލް ޓުއާގައި ވާދަކުރި ރާއްޖޭގެ ޝަމާއިލް ހުސެއިން އާއި ކޯކޭގެ ޕެއާ އުޅެނީ 544 ވަނައިގައެވެ. އެއީ 290 ޕޮއިންޓާއެކުގައެވެ.

މީގެ ކުރިން ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަ ދައްކަމުން ކުޑަކާއްޓޭ ވަނީ ދުނިޔޭގެ ރޭންކިންގައި 1000 ޕޮއިންޓް ހަމަކުރުން އެއީ އަމާޒެއް ކަމަަށް ބުނެފައެވެ. އަދި މިވަގުތު މަސައްކަތްކުރަނީ އެ އަމާޒަށް ވާސިލްވުމަށް ކަމަށްވެސް ވަނީ ބުނެފައެވެ.