ޚަބަރު

ތެރަޕިއުޓިކް ފަރުވާއަށް 68 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވޭ: ޖެންޑަރ މިނިސްޓަރ


ތެރަޕިއުޓިކް ފަރުވާއަށް މިހާތަނަށް 1300 މީހުންނަށް 68 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މިނިސްޓަރ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އަައިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމަށް ރ. އަލިފުށީގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ޖެންޑަރ މިނިސްޓަރ ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ޖެންޑަރ މިނިސްޓަރ ފާހަގަކުރެއްވި އެންމެ މުހިއްމު އެއްމަސައްކަތަކީ ނުކުޅެދޭ ކުދިންނަށް ދެމުން އަންނަ ތެރަޕިއުޓިކް ޚިދުމަތް ފަސޭހައިން ލިބުމެވެ. މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދެމުން އަންނަ ތެރަޕިއުޓިކް ޚިދުމަތް ހޯދުމަށް މިހާރު ފަސޭހަ ވާނެކަމަށެވެ. އަދި ފާއިތުވި 4 އަހަރުދުވަހުގެ ތެރެގައި 1300 މީހުންނަށް މި ޚިދުމަތް ދިނުމަށްޓަކައި 68 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިފަދަ ކުޑަކުދިންމަށް ޚާއްސަކޮށްގެން ހުޅުމާލެ ހޮސްޕިޓަލުގައި ހުޅުވި ސެންޓަރުން ލިބެމުން އަންނަ ޚިދުމަތްތައްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެކި ފުރުޞަތުތައް ފަހިކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވާ ޖެންޑަރ މިނިސްޓަރ ވިދާޅުވީ، މިދިޔަ އަހަރު ބޭއްވި ރިވެލި މައުރަޒުގެ ސަބަބުން އެފަދަ ކުދިންނަށް އާމްދަނީ ލިބޭނެ ގޮތް މަގުފައިވެފައިވާކަމަށެވެ.

ޖެންޑަރ މިނިސްޓަރ އަައިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ފާއިތުވި 4 އަހަރުގެ ތެރޭގައި 26 މުއައްސަސާއަކުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކޮށްދެވޭނެ ކަންކަމާގުޅޭގޮތުން މަޝްވަރާކޮށް ކަރުދާސްތަކެއް އެކުލަވާލާފައިވާކަމަށެވެ. އަދި ކަރުދާސްތައް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާނެކަމަށާއި، މި ކަރުދާސްތަކަކީ ކުރިއަށް 5 އަހަރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމަށް ބޮޑު އެހީއަކަށްވާނެ ކަރުދާސްތަކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި 9 ފަރާތަކަށް ރިވެލި ތަރި އެވޯޑް ވަނީ ދީފައެވެ.
 
ރިވެލި ތަރިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ރިވެލި މައުރަޒުގައި ބައިވެރިވެ އެކި ދާއިރާތަކުން ވަނަ ހޯދާ ފަރާތްތަކަށް ދެވޭ ޚާއްސަ އެވޯޑެކެވެ.

މި އެވޯޑްގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމެވެ.

18 އަހަރުން ދަށުގެ އުމުރުފުރާއިން ރިވެލި ތަރި ހާސިލްކޮށްފައިވަނީ:

- އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން މުޙައްމަދު ދަރްވީޝް ޝަޒީނު، ހ. ހުވަދޫ / މާލެ،
- އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިން ޢާއިޝަތު ޔަމްނާ މުޙައްމަދު، ހީނާމާގެ / މ. މުލައް،
- ކުރެހުމުގެ ދާއިރާއިން އާމިނަތު މިޝްޔާ މަމްދޫޙް ޙަމްދުﷲ، މ. ބަބުކެޔޮގަސްދޮށުގެ / މާލެ، އަދި
- ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާއިން ފާޠިމަތު ޝަފަޤް، ރެޑިއަމުގެ / ތ. ވިލުފުށިއެވެ.

18 އަހަރުން މަތީގެ އުމުރުފުރާއިން ރިވެލި ތަރި ހާސިލްކޮށްފައިވަނީ:

- އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއިން ޙަސަން ޤާސިމް، ބޮކަރުމާގެ / ރ. އަލިފުށި،
- އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިން ސާމިޔާ އާދަމް، ރެޑިއަމްގެ / ހދ. ކުޅުދުއްފުށި،
- ކުރެހުމުގެ ދާއިރާއިން ޙަސަން ޝާޒްލީ، މާކޯނި / ގދ. ތިނަދޫ، އަދި
- ކާބޯތަކެތި ތައްޔާރުކުރުމުގެ ދާއިރާއިން އާމިނަތު ޖިހާދާ، ތަރިކަ / ސ. މަރަދޫފޭދޫއެވެ.

މީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ޢާއިޝަތު އާދަމް، އޮޅުމަސްގެ / ރ. އަލިފުށި ވަނީ ހިތްވަރު ދިނުމުގެ ހަނދާނީ ލިޔުން ހޯދާފައެވެ.
 
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 3 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް މުޖުތަމަޢުގެ އެހެން ފަރުދުންނެކޭ އެއްފަދައިން ދިރިއުޅުމުގެ އެންމެހައި ކަންކަމުގައި ފުރިހަމައަށް ޝާމިލްވެވޭނެ މާޙައުލެއް ޤާއިމުކުރުމަށް ބާރުއަޅައި، މިހާރަށްވުރެ ބޮޑަށް އެފަދަ ފުރުޞަތުތައް ފަހިކުރުމަށް މަސައްކަތް ކުރުމެވެ.