ކުޅިވަރު

ބަންގްލަދޭޝްގައި ބާއްވާ އައިޓީއެފް މުބާރާތަށް ދިވެހި ޓެނިސް ޓީމު ފުރައިފި


ބަންގްލަދޭޝްގައި ބާއްވާ އައިޓީއެފް އޭޝިއާ 14 އެންޑް އަންޑާ ޑިވެލޮޕްމަންޓް ޗެމްޕިއަންޝިޕުގެ ރީޖަނަލް ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ޤައުމީ ޓެނިސް ޓީމު ފުރައިފިއެވެ.

މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ ނުވަވަނަ ދުވަހުން ފެށިގެން 19 ގެ ނިޔަލަށެވެ. މި ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ރާއްޖޭގެ އުއްމީދީ ޓެނިސް ތަރިންނެވެ. އެއީ ނަބާ ނިޝާން އާއި އިމާނީ މޫސާ ކަލީމްގެ އިތުރުން މުހައްމަދު ނޫހް ނާޒިހް އާއި އާދަމް އާލް ނިޔާޒެވެ.

ޓީމުގެ ކޯޗުގެ ގޮތުގައި ހަރަކާތްތެރިވާނީ ކުމާރް އަދިކާރީއެވެ. އޭނާއަކީ އެސޯސިއޭޝަނުގެ ތެރެއިން މި ކުޅުންތެރިން ތަމްރީނުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި ކޯޗެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ގަބޫލުކުރާ ގޮތުގައި މި މުބާރާތުން ރާއްޖެއަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭނެއެވެ. އެއީ ފަާއިތުވެދިޔަ މުބާރާތްތަކުގައި ދިވެހި ކުޅުންތެރިން ހޯދާފައިވާ ނަތީޖާތަކަށް ބެލުމަށްފަހު އެވެ.

ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން މި މުބާރާތުގައި ވާދަކުރާ ޤައުމުތަކަކީ ބޫޓާން، ބްރޫނާއި، ކެމްބޯޑިއާ، ޗައިނާ، ޗައިނީސް ޓައިޕޭ، ޖަޕާން، ލާއޯސް، މަކާއު، މޮންގޯލިއާ، މިޔަންމާ، ނޭޕާލް، ޕާކިސްތާންގެ އަދި ޓިމޯ ލެސްޓޭ އާއި ސިންގަޕޫރެވެ.