ރާއްޖޭގެ ކުލަބު ފުޓުބޯޅައިގައި އެންމެ ކާމިޔާބު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ހިންގާ ޤަވާއިދަށް ގެނައި ބަދަލާއެކު، ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުގެ އަދަދު 17 އަށް އިތުރުކޮށްފިއެވެ.
ނިއުރޭޑިއަންޓުން މި ބަދަލު ގެނައީ ކުލަބުގެ ހިންގުން ހަރުދަނާކޮށް ، ދެމެހެއްޓެނިވި ގޮތެއްގައި ކުލަބު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށް އެ ކުލަބުން ބުނެއެވެ. މި ނިންމުން ނިންމާފައިވަނީ ކުލަބުގެ އާންމު ޖަލްސާއެއް ބޭއްވުމަށްފަހު ހާއްސަ ޤަރާރެއް ފާސްކޮށް، ކުލަބުގެ އަސާސީ ޤަވާއިދަށް އިސްލާހުތަކެއް ގެނެސްގެންނެވެ.
ކުލަބުގެ ހިންގާ ކޮމިޓީގެ މެމްބަރުންގެ އަދަދު އިތުރުކުރުމާއެކު ކޮމިޓީ މެމްބަރުން ކޮންމެ މަހަކު ޗަންދާގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދެއް އެ ކުލަބުގެ ބޯޑުން ވަނީ ކަނޑައަޅާފައެވެ. އަދި މިހާރުގެ ބޯޑު ދެމިއޮތުމާއެކު، އިތުރުވާ މަޤާމުތަކަށް އިއުލާނުކޮށްމެމްބަރުން އިންތިހާބުކުރުމަށް މި ޤަރާރުން ވަނީ ފާސްކޮށްފައެވެ.
މިގޮތުން ނިއުރޭޑިއަންޓުގެ ބޯޑަށް އިތުރުކުރެވިފައިވާ އިތުރު 8 ބޯޑު މެމްބަރުންގެ ތެރެއިން ދެ ވައިސް ޗެއާމަން، ލޯޔަރު އަދި ފަސް ބޯޑު މެމްބަރުންގެ މަޤާމަށް ކުރިމަތިލުމަށް އެ ކުލަބުން މިހާރު ވަނީ ހުޅުވާލާފައެވެ.
ކުލަބުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުން ގަޑިއަކީ 13 ޖަނަވަރީ ވާ ހުކުރު ދުވަހެވެ. އަދި އެ ކުލަބަށް އީމެއިލްކުރުމަށް ވެސް ވަނީ އެދިފައެވެ.
ކުޅުންތެރިންނަށް މުސާރަ ނުދިން މައްސަލައިގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއުރޭޑިއަންޓް ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެކަމަކު މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުރިން ނިއު ރޭޑިއަންޓުން ވަނީ އެ ޓީމުގެ ދަރަނި ދައްކައި، ދިވެހި ކުޅުންތެރިންނާއެކު އެއްބަސްވުމެއް ހަދާފައެވެ.
ނަމަވެސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް ކުރި ދަތުރުގައި އެ ޓީމަށް ކުރިމަތިލާން ޖެހުނީ މާޔޫސްކަމާއެވެ. އެ ޓީމު ވަނީ ފުރަތަމަ ޑިވިޝަނަށް ކޮލިފައިނުވެ އަންނަ އަހަރަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ.