ދުނިޔޭގެ ވިޔަފާރި

ޓައިވާނުގެ އެކްސްޕޯޓް ދަށަށް!


ޓައިވާނުން މުދާ އެކްސްޕޯޓު ކުރި މިންވަރު ވިދިވިދިގެން 3 ވަނަމަހު ދަށްވެފައިވާކަމަށް އެ ގައުމުގެ މާލީ ވުޒާރާއިން ބުނެފިއެވެ.

ޓައިވާނުގެ އެކްސްޕޯޓު ދަށްވެފައި ވަނީ ދުނިޔޭގެ އިގްތިސާދީ ހާލަތު ގޯސްވެ، އިންފްލޭޝަން އާއި އިންޓަރެސްޓް ރޭޓް މައްޗަށް ގޮސް ޑިމާންޑް އިތުރުވުމުންކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

މިދިޔަ ޑިސެމްބަރުމަހު އެކްސްޕޯޓްގެ އަގު %12.1 އަށް ދަށްވެ، އޭގެ ކުރީ އަހަރާ އަޅާބަލާއިރު 35.75 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، މިއީ 20 މަސް ދުވަހުގެ ތެރޭގައި ޓައިވާނުން އެކްސްޕޯޓުކުރި މިންވަރު އެންމެ ދަށް ފަހަރެވެ.

ނޮވެމްބަރުމަހު އެކްސްޕޯޓު ކުރި މިންވަރު ވަނީ %13.1 އަށް އަރާފައިވާއިރު މިއީ ރޮއިޓާސް ނޫހުގެ ޕޯލުން ލަފާކުރި %13.3އާ ގާތް ކުރާ އަދަދެކެވެ.

މާލީ ވުޒާރާއިން ބުނި ގޮތުގައި ތަކެއްޗަށް އޮތް ޑިމާންޑު ޑިސެމްބަރުމަހު މަޑުމަޑުން ދަށްވަމުން އައީ އިންފްލޭޝަންގެ ޕްރެޝަރާއި ބޮޑެތި އިގްތިސާދުތަކުގެ އިންޓަރެސްޓް ރޭޓް މަތިވުމުގެ އިތުރުން ޗައިނާގައި ފެކްޓްރީ އުފެއްދުމަށް ބުރޫއެރުމުގެ ސަބަބުންނެވެ.

ރަޝިއާ ޔުކްރެއިން ހަނގުރާމަ އާއި ޗައިނާގައި ކޯވިޑުގެ ބަލިމަޑުކަމުގެ ސަބަބުންނާއި އެނޫންވެސް ކަންކަމާއި ގުޅިގެން ދުނިޔޭގެ އިގްތިސާދީ ދުވެލި މަޑުޖެހޭނެކަމަށް ލަފާކުރާތީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައިވެސް ޓައިވާނުން އެކްސްޕޯޓު ކުރި މިންވަރު ވަނީ ދަށްވެފައެވެ.


ދުނިޔޭގެ އެންމެ ބޮޑު ކޮންޓްރެކްޓް ޗިޕް އުފައްދާ ކުންފުނި ޓީއެސްއެމްސީ ފަދަ ކުންފުނިތަކަކީ އެޕަލް އިންކް އާއި ދުނިޔޭގެ އެހެން ޓެކްނޮލޮޖީ ކުންފުނިތަކަށް ބޮޑެތި ސަޕްލައި ކުރާ ފަރާތްތަކުގެ އިތުރުން އޮޓޯ ކުންފުނިތަކަށް ޗިޕް ފޯރުކޮށްދޭ ފަރާތްތަކެވެ.

ޓައިވާނުން އެމެރިކާއަށް އެކްސްޕޯޓު ކުރި މިންވަރު ޑިސެމްބަރު މަހު 14.28 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާއިރު، އެ ގައުމުގެ އެންމެ ބޮޑު ވިޔަފާރި ބައިވެރިޔާ ޗައިނާއަށް އެކްސްޕޯޓް ކުރި މިންވަރު މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު ވަނީ %16.4 އަށް ދަށްވެފައެވެ. މި އަދަދު ނޮވެމްބަރު މަހު ހުރީ %20.9 ގައެވެ.

ޑިސެމްބަރު މަހު އެމެރިކާއަށް އެކްސްޕޯޓް ކުރި މިންވަރު %2.6 އަށް ދަށްވެފައިވާއިރު، އޭގެ ކުރީ މަހު އެ އަދަދު ވަނީ %11.3 އަށް ދަށްވެފައެވެ.

ޑިސެމްބަރުމަހު ޓައިވާނުން އިމްޕޯޓްކުރި މިންވަރު %11.4 އަށް ދަށްވެ، 30.96 ބިލިއަން އެމެރިކާ ޑޮލަރަށް ވަނީ އަރާފައެވެ.