ޚަބަރު

މިދިޔަ އަހަރު މާފަރު އެއަރޕޯޓަށް 228 ޖެޓު، ގިނައީ ޔޫރަޕް ފަތުރުވެރިން


މިދިޔަ އަހަރުތެރޭ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓަށް 228 ޕްރައިވެޓް ޖެޓް ޖައްސާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެނޭޖްކުރާ އައިލެންޑު އޭވިއޭޝަނުން ހާމަކުރާ ގޮތުގައި އެ އެއަރޕޯޓު މެދުވެރިކޮށް މިދިޔަ އަހަރުތެރޭ 1571 ފަތުރުވެރިން ވަނީ އެތެރެވެފައެވެ. އަދި 1493 ފަތުރުވެރިން ވަނީ ރާއްޖެއިން ބޭރަށް ދަތުރުކޮށްފައެވެ.

މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު މެދުވެރިކޮށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް އެތެރެވެފައިވަނީ ޔޫރަޕުގެ ފަތުރުވެރިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް އައިސްފައިވަނީ މެދުއިރުމަތީގެ ޤައުމުތަކުގެ ފަތުރުވެރިންނެވެ.

މިދިޔަ އަހަރުތެރޭ 228 ޕްރައިވެޓް ޖެޓް މާފަރަށް ޖައްސާފައިވާއިރު، 2021ވަނަ އަހަރު އެ އެއަރޕޯޓަށް ވަނީ 297 ޕްރައިވެޓް ޖެޓް ޖައްސާފައެވެ. އައިލެންޑު އޭވިއޭޝަނުން ހާމަކުރާގޮތުގައި މިއަހަރުގެ މިހާތަނަށް މާފަރަށް ވަނީ 26 ޖެޓު ޖައްސާފައެވެ. އަދި މިމަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ގިނަ އަދަދެއްގެ ޖެޓުތައް އެ އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވާކަމަށްވެސް އައިލެންޑު އޭވިއޭޝަނުން ހާމަކުރެއެވެ.

މާފަރު އިންޓަރނޭޝަލް އެއަރޕޯޓަށް ޖައްސާ ޖެޓުތަކުގައި އާއްމުގޮތެއްގައި އަންނަނީ ނ.އަތޮޅުގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިނެވެ. ނ.އަތޮޅަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގަމުން އަންނަ އަތޮޅެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ނ.އަތޮޅުގައި 7 ރިސޯޓެއް ދަނީ ހިންގަމުންނެވެ. އަދި ރިސޯޓު ތަރައްޤީކުރުމަށް 13 ރަށެއް ދޫކޮށްފައިވެއެވެ. އެހެންކަމުން ކުރިމަގުގައި މާފަރު އެއަރޕޯޓަށް އޮންނަ ޑިމާންޑު މިހާރަށްވުރެ ބޮޑަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

2019 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވާފައިވާ މާފަރު އެއަރޕޯޓު އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ސަރުކާރުން މާފަރު އެއާޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ. މިގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓަށްފަހު އެންމެ ބޮޑު ރަންވޭއެއްވެސް ހަދާފައި ވަނީ މާފަރު އެއާޕޯޓުގައެވެ.

މާފަރު އެއާޕޯޓަކީ ސީދާ އިންޓަރނޭޝަނަލް ދަތުރުތަކަށް އަމާޒުކޮށްކޮށްގެން ވަސީލަތްތައް ތަރައްޤީކޮށްފައިވާ އެއާޕޯޓެކެވެ.