ދުނިޔޭގެ ވިޔަފާރި

އައިއެމްއެފްއިން ޕާކިސްތާނުގެ މަޝްވަރާތަކެއް


ޕާކިސްތާނުން ބެއިލް އައުޓް ޕްރޮގްރާމް އަލުން ފެށުމަށް ދަތިތަކެއް ކުރިމަތިވަމުންދާއިރު، މިއަދު ޖެނީވާގައި ބާއްވާ ކޮންފަރެންސްގެ ތެރެއިން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފްގެ ވަފުދެއް ޕާކިސްތާނުގެ މާލީ ވަޒީރާއި ބައްދަލުކުރަން ނިންމައިފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރުމަހު ދޫކުރަން ހަމަޖެހިފައިވާ 1.1 ބިލިއަން އެމެރިކާ ޑޮލަރު ދޫކުރުމަށް ލޯނު ދޫކުރާ ކުންފުނިން އަދި ފާސްކޮށްފައި ނުވާއިރު، ޕާކިސްތާނަށް ލިބިފައިވަނީ އެއް މަސް ދުވަހުގެ އިމްޕޯޓަށް ވާ ވަރުގެ ބޭރުގެ ފައިސާގެ ރިޒާވެވެ.

"އައިއެމްއެފްގެ ވަފުދުން ޖެނީވާ ކޮންފަރެންސްގެ ހަވާސާގައި ޕާކިސްތާނުގެ މާލީ ވަޒީރު އިޝާގު ދާރާއި ބައްދަލުކޮށް ނުނިމި ހުރި މައްސަލަތަކާއި ކުރިއަށް ހުރި ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އައިއެމްއެފްގެ ތަރުޖަމާނަކު ރޮއިޓާސް ނޫހަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ.

ޖެނީވާގައި ބާއްވާ ކޮންފަރެންސް ކޯ ހޯސްޓު ކުރައްވަނީ ޕާކިސްތަނުގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފާއި، އދ ގެ ސެކްރެޓްރީ ޖެނެރަލް އެންޓޯނިއާ ގަޓަރެސްއެވެ. އަދި މިދިޔަ އަހަރު ޕާކިސްތާނަށް ކުރިމަތިވި ފެން ބޮޑުވުމުގެ ހާދިސާ ގައި ލިބުނު ގެއްލުންތަކަށް ބައިނަލް އަގުވާމީ އެހީ ލިބޭތޯވެސް މި ކޮންފަރެންސްގައި މަސައްކަތްކުރާނެއެވެ.

ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާގައި 1700 މީހުން މަރުވެ، އުމްރާނީ ގޮތުން އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފައިވެއެވެ.

އައިއެމްއެފްގެ 1.1 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާ ދޫކުރުމާއި ބައިނަލްއަގްވާމީ އިތުރު އިންވެސްޓްމަންޓްތައްވެސް ހުޅުވާލާ ނުވަ ވަނަ ރިވިއު ފާސްކުރުމުގެ މަޝްވަރާތަކުގައި ޝެޑިއުލަކާއި ރިކޮންސްޓްރަކްޝަން މަސައްކަތަށް ފައިނޭންސް ކުރުމުގެ ޕްލޭނެއް އެކުލަވާލެވިފައިވެއެވެ.

ފަހަކަށް އައިސް މާލީ ވަޒީރު ވަނީ އައިއެމްއެފްއަށް ފާޑުވިދާޅުވެ، 2019 ވަނަ އަހަރު 7 ބިލިއަން އެމެރިކާ ޑޮލަރުގެ ބެއިލްއައުޓް ޕްރޮގްރާމަށް ވަދެފައިވާ ޕާކިސްތާނާއެކު އައިއެމްއެފް އިން އަމަލުކުރަމުން ދިޔައީ "އާދަޔާ ހިލާފު" ގޮތަކަށްކަމަށް ވިދާޅުވެފައެވެ.

ޖެނީވާ ކޮންފަރެންސްއާއި ގުޅޭގޮތުން ޝަރީފްއާއެކު އައިއެމްއެފް މެނޭޖިން ޑިރެކްޓަރު ކްރިސްޓަލީނާ ޖޯޖީވާވެސް މަޝްވަރާކުރައްވާފައި ކަމަށާއި ޕާކިސްތާނު އަލުން ބިނާކުރުމަށް ކުރާ މަސައްކަތަށް ޖޯޖީވާ ތާއީދު ކުރައްވާ ކަމަށްވެސް އައިއެމްއެފްގެ ތަރުޖަމާނު ވިދާޅުވިއެވެ.